15 Sep 2015, 23:03
މަޝްރޫއުތައް ހިންގަން ބަޖެޓު ހަމަޖެހިފައި ހުއްޓަސް، ބައެއް މަސައްކަތްތައް ކުރާނެ ކުންފުނިތައް ރާއްޖޭގައި މަދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ކުޅިވަރު މެނިފެސްޓޯ ޔަގީން" މި ނަމުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް 300 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ދަނޑުތައް ހެދުމަށް ރާއްޖޭގައި އޮތީ ދެތިން ކުންފުންޏެއް ކަމަށެވެ. އެކަމުގެ ސަބަބުން ކުޅިވަރަށް ބޭނުންވާ ދަނޑުތަކާއި ސްޕޯޓްސް އެރީނާ ފަދަ ތަންތަން އެހާ ގިނައިން ގާއިމް ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"....ސްޕޯޓިން އިންފްރާސްޓްރަކްޗާއަށް ޚަރަދުކުރަން ބަލާއިރު އަޅުގަނޑުމެންގެ ތެރޭގައި އެވަރުގެ އެބްޒޯވް ކުރާނެ ކެޕޭސިޓީއެއް ނުހުރޭ. އެވަރަކަށް ދަނޑުތައް ހަދާނެ ކުންފުނިތަކެއް ރާއްޖެއަކު ނުހުރޭ. އަޅުގަނޑުމެންނަށް އެވޯޑު ކުރެވިދާނެ 20 ދަނޑު 30 ދަނޑު ވެސް ކުންފުންޏަކަށް. އެކަމަކު ރާއްޖޭގެ ފެންވަރުގަ މިއުޅެނީ ހަމަ ދެކުންފުންޏެއް ތިން ކުންފުންޏެއް ރޯޑް ކޯޕަރޭޝަން އެސްޓީއޯ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި އެސްޓީއޯގެ އިތުރުން ދެން އެފަދަ މަސައްކަތްތައް ކޮށްދެނީ ސިފައިން ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ދަނޑުތައް ސިފައިންލައްވައި ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސައުދިއަރަބިއާގެ ރަސްގެފާނު ސަލްމާން ބިލް އަބްދުލް އަޒީޒުގެ އެހީގެ ދަށުންނާއި އަމިއްލަ ފަރާތްތަކުގެ އެހީގެ އިތުރުން ސަރުކާރުން އަޅަން ހަމަޖެހިފައިވާ މިސްކިތްތަކުގެ އަދަދު 27 ނޫނީ 30 އަށް އަރާ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރާނެ ކުންފުނިތައް މަދުކަމުން އޭގެ ދެބައިކުޅައި އެއްބައި މަސައްކަތް ވެސް ފަށައިގެނެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޒުވާނުންނަށް ކަނޑައަޅާފައިވާ 300 މިލިއަން ރުފިޔާއާ ގާތަށް ވެސް ޚަރަދު ނުކުރެވޭ ކަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ވިދާޅުވާނެ ކަމަށާއި އެހެންނަމަވެސް އެ ޚަރަދު ނުކުރެވެނީ މަސައްކަތްތައް ކުރާނެ ގިނަ ކުންފުނިތަކެއް ރާއްޖޭގައި ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުގައި އަންހެނުންގެ ބައިވެރިކުރުވުން އިތުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން 82 ބަށި ކޯޓު އެޅުމަށް މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.