ދުބާއީ (ސެޕްޓެމްބަރު 15) -- ހަރަމްފުޅު މައްޗަށް ކްރޭން ވެއްޓުނު މައްސަލާގައި، ސައުދީ އެރެބިޔާގައި މަޝްހޫރު ކޮންސްޓްރަކްޝަންސް ކުންފުނި، ބިންލާދިން ގްރޫޕް، އާ މަޝްރޫއުތަކުން ސަސްޕެންޑްކޮށްފި އެވެ.

ސައުދީ ރޯޔަލް ކޯޓުން އިއްޔެ ނިންމާފައި ވަނީ، ކްރޭން ވެއްޓި 107 މީހުން ނިޔާވި މައްސަލާގައި ބިންލާދިން ގްރޫޕަށް މިހާރު އެވޯޑްކޮށްފައިވާ މަޝްރޫއުތައް ވެސް މުރާޖާ ކުރުމަށް، ފައިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފަ އެވެ.

ކްރޭން ވެއްޓުނު ހާދިސާގެ ތަހުގީގު ނިމެންދެން، ބިންލާދިން ގްރޫޕްގެ ބޯޑް މެމްބަރުންނާއި އެއްވެސް އެގްޒެކެޓިވްއެއް ވެސް ގައުމުން ފުރުން ވަނީ މަނާކޮށްފަ އެވެ. އެއީ ކްރޭން ވެއްޓު ހާދިސާގެ ތަހުގީގުން، ކްރޭން ވެއްޓުނީ، މެނިފެކްޗާސް އިންސްޓްރަކްޝަނާ ހިލާފަށް ކްރޭން ބަހައްޓާފައިވާ ކަމަށް ފެނިފައިވާތީ އެވެ.

ކްރޭން ވެއްޓުނު ހާދިސާގައި 107 މީހަކު ނިޔާވުމުގެ އިތުރަށް 238 މީހަކު ވަނީ ޒަހަމުވެފަ އެވެ.

ސައުދީ ރަސްގެފާނު ސަލްމާނާ ހަވާލާދީ ސައުދީ ނިއުސް އެޖެންސީ (އެސްއެންއޭ) އިން ބުނީ އާ ބީލަންތަކާއި އާ މަޝްރޫއުތަކުގައި ބައިވެރިވުން ވެސް ބިންލާދީން ގްރޫޕްގެ މައްޗަށް މަނާކޮށްފައިވާ ކަމަށެވެ. މުޅި ތަހުގީގުތައް ނިމި އަދި ހުރިހާ ގާނޫނީ މައްސަލަތަކެއް ނިމެންދެން އެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ވެސް ރަސްގެފާނުގެ އަމުރުފުޅުގައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު ކައުބަތުﷲ ގެފުޅުގެ އިމާރާތުގެ ބައެއްގެ މައްޗަށް ކްރޭން ވެއްޓުނީ، މި މަހު 23ގައި މުސްލިމުން ފާހަގަކުރާ ހައްޖު ދުވަސް ފެއްޓެން ދެ ހަފުތާ އަށް ވެފައި ވަނިކޮށެވެ.

ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ، ސައުދީއެެރެބިޔާގައި އެންމެ ފުޅާކޮށް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ، ބިންލާދިން ގްރޫޕުންނެވެ.

ބިންލާދިން ގްރޫޕަކީ މީގެ 80 އަހަރު ކުރިން، އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިންގެ، ބައްޕަ އުފެއްދި ކުންފުންޏެކެވެ.

ދެ ހަރަމްފުޅުގެ އިދާރީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކްރޭން ވެއްޓި، ކައުބަތުﷲ ގެފުޅު އިމާރާތުގެ ބަޔައެއް ހަލާކުވެފައިވާ ކަމަށެވެ. މި އަހަރުގެ ހައްޖު މޫސުމުގައި 1.6 މިލިއަން ނޫނީ ދެ މިލިއަން މީހުން ހައްޖަށް ދާނެ ކަމަށް ބެލެވެ އެވެ.