ބިންހެލުމާއި ސުނާމީގެ ސަބަބުން ގެންލުން ލިބުނު ޖަޕާނުގެ ރައްޔިތުންނަށް ވެވުނު މިންވަރަކުން އެހީވުމަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ޖަޕާނުގެ ރައްޔިތުންނަށް ކުރިމަތިވި ހިތާމަވެރި ހާދިސާއާ ގުޅިގެން އެތައް ބަޔަކު މަރުވެ، ގެއާއި ގެދޮރާއި މުދާތައް ގެއްލި ދަތިއުނދަގޫ ދުވަސްތަކެއް ހޭދަކުރަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި އިންސާނިއްޔަތުގެ ގޮތުން މީހުންނަށް އެހީތެރިވުމާއި، އިހުސާންތެރިކަމުގެ އަގު ވަޒަން ކުރުމަކީ މުސްލިމުންގެ ގޮތުގައި ކުރަންޖެހިފައިވާ ކަމަކަށްވާ އިރު ޖަޕާނަކީ ރާއްޖެ އަށް އެހީތެރިކަން ބޭނުންވި ކޮންމެ ދިމާލަކުން ދީލަތި ކަމާއި އެކު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީފައިވާ އަދި މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށެވެ.

ޖަޕާނު ސަރުކާރުން ރާއްޖެ އަށް ވެދީފައިވާ އެހީތަކުގެ ތެރޭގައި ދިވެހިންގެ އަސާސީ ތައުލީމުގަ އާއި ރޭޑިއޯ އިން ފެށިގެން ޓީވީ މޯލްޑިވްސް، ކޮމިއުނިކޭޝަން ބިލްޑިންގ، ކަލާފާނު ސްކޫލް، ޣިޔާސުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ރާއްޖެތެރޭގައި ޤާއިމްކުރެވިފައިވާ އަތޮޅު މަދަރުސާތަކާއި، މާލެ ވަށައި ލެވިފައިވާ ސީވޯލް ހިމެނެ އެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅިގެން ވެސް ޖަޕާނުން ވަނީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެދީފަ އެވެ.

ޖަޕާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަށް ވެސް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.

ޖަޕާނަށް ކުރިމަތިވި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިންތިޒާމް ކުރި ޓެލެތޯން ކޮމިޓީގެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މާލޭ ސިޓީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ ޓެލެތޯން އިއްޔެގެ ނިޔަކަށް ނިމުނު ކަމުގައި ވީނަމަވެސް އެހީދޭން ބޭނުންވާ މީހުންނަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބީއެމްއެލް މެދުވެރިކޮށް، އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ ޖަޕާނަށް އެހީވުމަށް އިއްޔެ ހުޅުވާލި ޓެލެތޯން ފަންޑަށް އިއްޔެގެ ނިޔަލަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއްލައްކަ އަށް ވުރެ ގިނަ މަސްދަޅު ލިބިފައިވާ ކަމަށެވެ. އަދި އެފަންޑަށް ލިބޭ ފައިސާ އިން ވެސް ގަތުމަށް ހަމަޖައްސާފައި ވަނީ މަސްދަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހަފްތާ އެކީ އޮންނާނީ ފައިސާ އާއި މަސްދަޅުތައް ކަލެކްޓްކުރުން. އެ މަސައްކަތް ނިމި ބޭންކުން ކުރަން ޖެހޭ ކަންތައްތައް ވެސް ކޮށް ނިމުމުން އަންނަ ހަފްތާގައި އެދަޅުތައް ރާއްޖޭން ބޭރުކުރުމުގެ މަސައްކަތް ފަށާނަން." އާދަމް މަނިކު އެވެ.

ޖަޕާނަށް ކުރިމަތިވި މިހިތާމަވެރި ހާދިސާގައި މިހާތަނަށް 13،000 މީހުން ގެއްލިފައިވާ އިރު 8199 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.