ޕެރޫގެ އެންމެ ބާރުގަދަ ޑްރަގް ޑީލަރު ކަމަށް ތުހުމަތު ކުރާ މީހާ އެކުއެޑޯގެ ފުލުހުން ހައްޔަރުކޮށް ޕެރޫގެ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފަސް މަސް ވަންދެން ފުލުހުންނަށް ފިލައިގެން އުޅެނިކޮށް އެކުއެޑޯގެ ފުލުހުން، ޖެރާލްޑް އޮރޮޕޭޒާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި އެކުއެޑޯގެ ބީޗް ރިސޯޓެއް ކަމަށްވާ ސަލީނާސް އިންނެވެ.

އޮރޮޕޭޒާ ހޯދަމުން ދިޔައީ ޕެރޫ އިން ޔޫރަޕަށް ކޮންޓެއިނަރެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު ޕެރޫއަށް ފޮނުވާލާފައި ވަނީ ވަރުގަދަ ސެކިއުރިޓީއަކާއެކު ބުލެޓް ޕްރޫފް ވެސްޓަކާއި ހެލްމެޓެއް ވެސް އަޅުވާފައެވެ.

ޕެރޫގެ އިންޓީރިއާ މިނިސްޓަރު ހޯޒޭ ލުއިސް ޕެރޭޒް ގުއާޑަލޫޕް ވެސް ވަނީ، އެކުއެޑޯގެ ފުލުހުންގެ އެހީގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން މީހަކު މަރާލުމުގެ ތަހުގީގެއް ވެސް އޭނާގެ މައްޗަށް ހިނގަމުންދާ އޮރޮޕޭޒާ ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

މުއްސަނދި ދިރިއުޅުމާއި އަގުބޮޑެތި ކާރުތަކަށާއި ރީތި މޮޑެލުންނަށް ލޯބިކުރާ އޮރޮޕޭޒާ، ޕެރޫގެ މީޑިއާތަކުގައި މަޝްހޫރުވެފައި އޮންނަނީ 1983 ވަނަ އަހަރު މަޝްހޫރުވެގެންދިޔަ ފިލްމު "ސްކާފޭސް" ގައި ފެނިގެންދާ ޑްރަގް ޑީލަރެއް ކަމަށްވާ "ޓޯނީ މޮންޓާނާ"ގެ ނަމުންނެވެ.

ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ ކޮލަންބިއާ ވައްޓާލުމަށްފަހު ޕެރޫ ވަނީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮކެއިން އުފައްދާ ގައުމުގެ ގޮތުގައި 2013 ވަނަ އަހަރު ފާހަގަކޮށްފަ އެވެ.