15 Sep 2015, 19:30
ށ. ފީވަކު ކައުންސިލްގެ މެޖޯރިޓީ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ހޯދައިފި އެވެ.
ފީވަކު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ އާއި އެ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ނަސީރު މިއަދު އެމްޑީއޭއަށް ސޮއިކޮށްފައިވާއިރު މީގެ ކުރިން ވެސް އެ ކައުންސިލް މެމްބަރަކު އެމްޑީއޭއަށް ސޮއިކޮށްފަ އެވެ. އެހެންކަމުން އެމްޑީއޭގެ ތިން މެމްބަރުން މި ވަގުތު ފީވަކު ކައުންސިލްގައި ތިއްބަވާނެ އެވެ.

އެމްޑީއޭއަށް ދެކައުންސިލަރަކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެ ދެ މެމްބަރުން ސޮއި ކުރުމަށް ސަން ސިޔާމް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން ބޭނުމެއް އެ ޕާޓީގެ ނެތް ކަމަށެވެ. ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ކުރުމަށް އެ ޕާޓީއަށް އިތުރު މެމްބަރުން ބޭނުންވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ އެހެންކަމެއް ބޭނުންވެގެން އުޅޭ ބައެއް ނޫން، އަޅޫގަނޑުމެންނަކީ ރައްޔިތުންނަށް ހިދުމަތްކުރަން އުޅޭ ބައެއް،" ސިޔާމު ވިދާޅުވިއެވެ.
ސޮއިކުރެއްވުމަށްފަހު ފީވަކު ކައުންސިލްގެ ނައިބް ރައީސް އަލީ ވިދާޅުވީ ތަރައްގީ ގެނެވެން އޮތީ ސަރުކާރާއި ގުޅިގެން ކަމަށާއި އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނަރުދަމާ ނެތުމުގެ މައްސަލައާއި އެރަށު ޖަސްބިންތަކުގެ މައްސަލަ ކަމަށެވެ. އެކަންކަމަށް އަވަހަށް ހައްލެއް ހޯދައިދެއްވުމަށް އަލީ ވަނީ އެދެފައެވެ.

އެމްޑީއޭއަށް ދެކައުންސިލަރަކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެމްޑީއޭ ލީޑަރު ސިޔާމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފީވަކުގައި ފެނުގެ ނިޒާމް ނުވަތަ ނަރުދަމާގެ ނިޒާމް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނައިބް ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މައުރޫފް ވިދާޅުވީ އެމްޑީއޭގެ ވިސްނުން ހުރީ ޕީޕީއެމްއާއެކު ކުރިއަށް ދިއުމަށް ކަމަށާއި އެ ޕާޓީއިން މަސައްކަތް ކުރާނީ ޕީޕީއެމަކީ މައި "ބައްޕަ" ކަމަށް ދެކިގެން ކަމަށެވެ.

އެމްޑީއޭއަށް ދެކައުންސިލަރަކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުރޫފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން