15 Sep 2015, 19:46
ކުޅުދުއްފުށީގައްޔާއި އައްޑޫ ސިޓީގައި ފެށި ޕްރެޒިޑެންޓް ކަޕްގައި ކުޅުދުއްފުށީގައި ކުޅުނު މެޗް ބީޖީ ސްޕޯޓްސްގެ މައްޗަށް 3-1 ނަތީޖާއަކުން އެންމެ ފަހުންގެ ޗެމްޕިއަން ނިއުރޭޑިއަންޓް ކާމިޔާބު ކުރިއިރު އައްޑޫ ސިޓީގައި ކުޅު މެޗް ވެލެންސިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މާޒިޔާ ކާމިޔާބުކޮށްފި އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ނިއުއާ ބީޖީ ކުޅުނު މެޗްގައި ނިއުން ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސޮލަވާކިއާގެ ވިލިއަމް މެކޯއެވެ.
މެޗްގައި ފުރަތަމަ ލިޑް ނެގީ ބީޖީއިންނެވެ. އެގޮތުން މެޗްގެ 24 ވަނަ މިނެޓްގައި އެޓީމްގެ ލަނޑު ކާމިޔާބު ކުރީ އެސްކޮބެޑޯ ކަމާނޯ މަނައުލް ޑީވިޑެވެ.
ފުރަތަމަ ހާފު ބީޖީ ކުރީގައި އޮވެގެން ނިންމާލިއިރު ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ވިލިއަމް ކާމިޔާބު ކުރީ ފުރަތަމަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައެވެ.
ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓް ފަހުން ނިއުއަށް ލީޑް ނަގައިދިން ލަނޑު ކާމިޔާބު ކުރީ މެޗްގެ 49 ވަނަ މިނެޓްގައި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
ތިން ވަނަ ލަނޑު ވިލިއަމް ކާމިޔާބު ކުރީ މެޗްގެ އެންމެ ފަހު މިނެޓް ތެރޭގައެވެ.
އައްޑޫ ސިޓީ ހިތަދޫ ޒޯން ސްތޭޑިއަމްގައި ކުޅުނު މެޗްގައި މާޒިޔާގެ ލަނޑުތައް މެޗްގެ ފުރަތަމަ ހާފުގައި ކާމިޔާބު ކުރިއިރު އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔަބު ކުރީ އަނިޔާގެ ސަބަބުން ގައުމީ ޓީމާއެކު ނުދެވުނު އަސަދުﷲ ޢަބްދުﷲ (އަސައްކޮ)އެވެ.
ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގައި ކާމިޔާބު ކުރީ އަހްމަދު އިމަޒު (އާއްކޮ) އެވެ.
ދެ ވަނަ ހަފުގައި މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން އައްސަކޮ އާއި ސްޕެއިންގެ ޕަބެލޯ ރޮޑްރިގޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މުބާރާޓުގައި މާދަމާ ކުޅުދުއްފުށީ ކުޅޭ މެޗްގައި ބައްދަލު ކުރަނީ މުބާރާތުގައި މުޅިން އަލައް ވާދަކުރާ ޓީސީ ސްޕޮޓްސް ކުލަބާ މަހިބަދޫއެވެ.
އައްޑޫ ސިތީ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ރަނަރަފް އީގަލްސްއާ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ވިކްޓްރީއެވެ.