20 Mar 2011, 14:04
ދިއެފްއެމް ވިޝުއަލް ރޭޑިއޯ އިން މި މަހުގެ 15 ވަަނަ ދުވަހު ފޮނުވި ބްރެކްފާސްޓް ޝޯ ހުށަހަޅައިދިން ދެ ޕްރެޒެންޓަރުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އަށް އަންނަ ހޯމަ ދުވަހު ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދިއެފްއެމްއަށް އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ދިއެފްއެމްގެ ސީއީއޯ، މަސްއޫދު ހިލްމީ އަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނަނީ ދިއެފްއެމް ވިޝުއަލް ރޭޑިއޯގެ ބްރެކްފާސްޓް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި އިއްޒަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.
"... އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީއަށް ހުށަހެޅި އެ ކޮމެޓީގައި މިހާރު ދިރާސާ ކުރައްވަމުންދާތީ ތިޔަ ސްޓޭޝަންގެ ފަރާތުން އިސްވެ ދެންނެވުނު ޕްރޮގްރާމް ހުށަހަޅައި ދެއްވި ދެ ބޭފުޅުންނާއި ބައްދަލުކޮށް ކަމާގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ކޮމެޓީން ބޭނުންފުޅުވެ އެވެ،" މަޖިލީހުގެ ލީގަލް ކައުންސެލް، ފާތުމަތު ނިއުޝާ ސޮއިކުރައްވައިފައިވާ ސިޓީގައިވެ އެވެ.
އެ ސިޓީގައި ބުނަނީ މާދަމާ ހެނދުނު 9:30 އަށް ދެ ޕްރެޒެންޓަރުން ފޮނުވައި ދޭން ޖެހޭނެ ކަމަށާއި އަދި އެ ދެ ޕްރެޒެންޓަރުންގެ ނަން މިއަދު މެންދު ފަހު 3:00 ޖެހުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދޭން ޖެހޭނެ ކަމަށެވެ.
މިއަދުގެ ތާރީހުގައި ދެވަނަ ސިޓީއެއް ވެސް މަޖިލީހުން ދިއެފްއެމްއަށް ފޮނުވާފައިވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މާޗް15، 2011 ގަ އާއި މާޗް16 ، 2011 ގައި ހެނދުން 8:00 އިން 9:00 އަށް ގެނައި ބްރެކްފާސްޓް ޝޯ އާއި 10 އިން 11 އަށް ފޮނުވި "މޯނިން އެޑިޝަން"ގައި ރައްޔިތުންގެ މަޖިލީހުގެ ކަރާމަތާއި އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާތީ އެ ދެ ޕްރޮގްރާމްގެ ރިކޯޑިން މިއަދު މެންދުރު ފަހު 3:00 ގެ ކުރިން މަޖިލީހަށް ފޮނުވައި ދިނުމަށެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ މިއަދު ވިދާޅުވީ މަޖިލީހުން އެދިފައިވާ ދެ ނަން މިއަދު ފޮނުވާނެ ކަމަށާއި މިއަދު ތިނެއް ޖެހުމުގެ ކުރިން ދެ ޕްރޮގްރާމްގެ ރިކޯޑިން ފަހަރުގައި ނުފޮނުވިިދާނެ ކަމަށެވެ.
"އެއީ ވަރަށް ބައިވަރު ރިކޯޑިން. ރިކޯޑިން މިއަދުގެ އެ ގަޑިއަށް ނުފޮނުވިދާނެ. އެކަމަކު މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މީހުންގެ ނަމާއި ޕްރޮގްރާމް ރިކޯޑިން ފޮނުވި ކަމުގައި ވިޔަސް ދެ ޕްރެޒެންޓަރުން މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވައި ދިނުމާ ބެހޭ ގޮތުން ދިއެފްއެމް އިން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށާއި އެކަމަށް އަދި ގޮތެއް ނުނިމޭ ކަމަށެވެ.
"ގާނޫނާ ހިލާފަކަށް ކަމެއް ނުކުރާނަން. ގާނޫނީ ގޮތުން ބަލާފައި ފިޔަވަޅެއް އަޅާނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާއިން ވަނީ ދިއެފްއެމަށް ދޫކޮށްފައިވާ ލައިވް ފީޑް ވެސް މި މައްސަލައާ ގުޅިގެން ކަނޑާލާފަ އެވެ.