14:30


ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދަކަށް ހަނގުރާމަވެރިންތަކެއް ދިން ބޮމުގެ ދެ ހަމަލާއެއްގައި 38 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.


އެގައުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައި ވަނީ މިދެހަމަލާ ވެސް އަމާޒުކޮށްފައި ވަނީ ހާލުގައި ޖެހިފައި ތިބި މީހުން ދިރިއުޅޭ ކޭމްޕަކަށް ކަމަށާއި ދެވަނަ ހަމަލާ ދީފައިވަނީ ފުރަތަމަ ހަމަލާ ދިންތާ ކުޑަ ހިނދުކޮޅެއް ތެރޭގައި ކަމަށެވެ. އަދި މިއީ ހަނގުރާމަވެރިންތަކެއް އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މިހަމަލާތަކުގެ ފަހަތުގައި ވަނީ ސީދާ ކޮން ބައެއްކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.


މިހަމަލާތައް އަމާޒުވެފައިވާ ކޭމްޕަކީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕެކެވެ. އަދި މިހަމަލާ ދީފައިވަނީ ކޭމްޕްގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ބަހަމުންދިޔަ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.


ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދަކީ ފަހަކަށް އައިސް އެގައުމުގައި މިފަދަ ހަމަލާތައް ދިނުން އެންމެ އާންމުވެފައިވާ ސަރަހައްދެވެ. މިދިޔަ ހުކުރު ދުވަހު،ހުޅަނގު އުތުރު ޕާކިސްތާނުގެ ކުއެޓާގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި އަށްމީހުން ވަނީ މަރުވެފަ އެވެ.