ރަންވޭމަތީގައި ހިނގާފައިދާ މޮޑެލުންނަށް ބަލައިލުމުން އެ އިރެއްގެ އެންމެ ފަހުގެ ފެޝަން ޓްރެންޑު ނަގައިގަނެވޭނެ އެވެ. ބައެއް މީހުންނަށް އެންމެ ފަހުގެ ޓްރެންޑު ތަކަށް ބޯ ލެބުމަކީ ހިތްވަރު ލިބި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަވެގެންދާ ތަޖުރިބާ އެއް ކަމުގައި ވީ ނަމަވެސް ޑޮކްޓަރުން ބުނާގޮތުގައި މީގެން ބައެއް ޓްރެންޑު ތަކަކީ ބޯ ލެބުން ނުރައްކާތެރި ކަންކަމަށް ވެދާނެ އެވެ.

  1. ސްކިނީ ޖީންސް

އަންހެނުންނާއި ފިރިހެނުންވެސް މި ޓްރެންޑަށް ބޯ ލަނބަމުން ދިޔަ ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި ސްކިނީ ޖީންސެއް ލުމުގެ ކުރިން ދެވަނަ ވިސްނުމަކަށް އެބަ ދާން ޖެހެ އެވެ.

ޖީންސު މާ ބާރު ވުމުގެ ސަބަބުން ފަލަ މަސްގަޑަށް ލޭ ފޯރުކޮށްދޭ ނާރުތައް ފިތި ފަލަ މަސްގަޑު އައްސި ވާ ގޮތް ވެ އެވެ. އަދި މިކަމުގެ ސަބަބުން ބައެއް މީހުންނަށް ސްޓްރޯކެއް ފަދަ ނުރައްކާތެރި ކަމެއް މެދުވެރިވަނީ ކަމަށް ހީކުރެވެ އެވެ.

މީގެ އިތުރުން ބަނޑާ ދިމާލަށް ޖީންސު ބާރުވުމުގެ ސަބަބުން ބަޑުގައި ހުންނަ އެސިޑް ކާ ހޮޅި ތެރެއިން ލާފައި މައްޗަށް އަރާގޮތް މެދުވެރިވެގެންދެއެވެ.

ފެޝަނަށް ލޯބި ކުރާ މީހުން ސްކިނީ ޖީންސު ލުން ހުއްޓާލަންވީކީ ނޫނެވެ. ރައްކާތެރިކަމާ އެކު ސްކިނީ ޖީންސު ލެވޭނެ ގޮތްގޮތް އެބަ ހުއްޓެވެ. އެގޮތުން އެހާ ގިނަ އިރުވަންދެން ސްކިނީ ޖީންސު ލައިގެން ނޫޅުމާއި ބަނޑަށް އެހާ ބާރު ސްކިނީ ޖީންސު ނުލުން ހިމެނެ އެވެ.

  1. ބާރުކޮށް އިސްތަށިގަނޑު އެއްސުމާއި ހުޅި ޖެހުން

ބާރުކޮށް އިސްތަށިގަޑު އެއްސުން ނޫނީ ހުޅި ޖެހުން މިއީ ހާއްސަކޮށް ވަޒީފާއަށް ދާ އިރު ސާފުތާހިރު، "ޕްރޮފެޝަނަލް" ގޮތްގަނޑު ދެއްކުމުގެ ގޮތުން ވަރަށް ގިނަ އަންހެނުން އިޚުތިޔާރު ކުރާ ހެއާސަޓައިލެކެވެ. ނަމަވެސް އަންހެނުން ވިޔަސް ފިރިހެނުން ވިޔަސް ބާރުކޮށް އިސްތަށިގަޑު އެއްސުން ނުވަތަ ހުޅިޖެހުން މިއީ އިސްތަށި ފޭބުމަށް މެދުވެރިވެގެން ހިނގައިދާނެ ކަމެކެވެ.

އެހެން ކަމުން އެހާ ގިނަ އިރު އެހާ ބާރުކޮށް އިސްތަށިގަނޑު އައްސައިގެން ނުވަތަ ހުޅި ޖަހައިގެން ނޫޅޭށެވެ. އިސްތަށިގަނޑު ނުވަތަ ހުޅި ތަންކޮޅެއް ދޫކޮށްލާށެވެ.

  1. ހައި ހީލް

ކިތަންމެ ރީތި ހެދުމަކަސް އެއާ ގުޅޭ ފައިވާނެއް ނުވަތަ ބޫޓަކަށް ނޭރުމަކީ ހެދުމުގެ ރީތިކަން ގެއްލުވައިލާ ކަމެކެވެ. ހައި ހީލަކަށް އަރައިލުމަކީ ގިނަ އަންހެނުން އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ވަރުގަދަވެގެންދާ ކަމެކެވެ. ނަމަވެސް ހައި ހީލަކަށް އެރުމުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ލިސްޓު ވަރަށް ދިގެވެ.

ފައި ފުރޮޅައިގެން ދިއުން، ފަޔަށް ކުރާ ބާރުގެ ސަބަބުން ފައިގެ ކަށިގަނޑުގައި ރެނދުލުން، ފައި ދުޅަވުން، ފަޔަށް ކުރާ ބާރުގެ ސަބަބުން ފައިގެ އިނގިލިތައް ތިރިއަށް ލެނބުން، ނާރުތައް ފިތި ފަޔަށް ތަދުވުން، އަދި ފައިގެ ފުންނާބުން ދިލަ ނެގުން މިއީ ހައި ހީލަށް އެރުމުގެ ސަބަބުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކެވެ.

ހައި ހީލަށް އެރުން އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި ދުރާލާ ރޭވުން އެއީ މުހިންމު ކަމެކެވެ. މިސާލަކަށް އޮފީސް ނިންމާފައި ކެއުމަކަށް ދާން އޮތްނަމަ ދެ ބޫޓު ނުވަތަ ފައިވާން ގެންދާށެވެ. މުޅި ދުވަހު ހައި ހީލަކަށް އަރައިގެން އުޅުމުގެ ބަދަލުގައި އޮފީހުގައި އުޅޭ ވަގުތު ފަސޭހަ ބޫޓަކަށް ނޫނީ ފައިވާނަކަށް އަރައިން އުޅޭށެވެ. އަދި ކެއުމަށް ދާންވީމަ ހައި ހީލަށް ބަދަލު ކޮށްލާށެވެ.

މީގެ އިތުރުން ހައި ހީލަކަށް އެރުމުގެ ކުރިން ފައި ދަމާލާ ވަރުގަދަކޮށްލަން ކުރެވިދާނެ ކަސްރަތުތަކެއްވެސް ހުރެ އެވެ.

  1. ޖެލް މެނިކުއާ

ނިޔަފައްޗަށް ދެވޭ މި ޓްރީޓްމަންޓު ވަނީ ފަހަކަށް އައިސް ވަރަށް މަގުބޫލު ވެފަ އެވެ. އެހެން މެނިކުއާ ތަކާއި ޚިލާފަށް ޖެލް މެނިކުއާ މާ ގިނަ ދުވަހަށް ދެމި ހުރެ އެވެ. އަދި ޔޫ.ވީ ލައިޓެއްގެ އަޑީގަ މާ އަވަހަށް ހިއްކާލެވެ އެވެ.

ހަމުގެ ޑޮކްޓަރުން އަންގާ ގޮތުގައި މިއީ ސަމާލު ވާންޖެހޭ ކަމެކެވެ. ނިޔަފަތި ހިއްކުމަށް މާ ގިނައިރު ޔޫ.ވީ ލައިޓު އަޑީގައި ބައިންދައިފި ނަމަ ހަންގަޑު މުސްކުޅިވެ ރޫ އެރުން އަވަސްވުމުގެ އިތުރުން ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ބޮޑު ވެގެން ދެ އެވެ.

ޖެލް މެނިކުއާ ނެގުން މުޅިން ހުއްޓާ ނުލިޔަސް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ޖެލް މެނިކުއާ އެހާ އަވަސްއަވަހަށް ނުހެދުމާއި، ހަމައެކަނި ނިޔަފަތި ފެންނަގޮތައް ކަފާލެވިފައިވާ އަންގިއެއް ލެއްވުން ހިމެނެ އެވެ.