ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) އަންނަ މަހު 19ގައި ބޭއްވުމަށް ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ކުރިން މިއަދު ބޭއްވުމަށް ނިންމާފައިވާ އިންވެސްޓްމަންޓް ފޯރަމް އަންނަ މަހު 19 ވަނަ ދުވަހު ޗައިނާގައި ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެފޯރަމަށް ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓުރީވުމަށް އަންނަ މަހު ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ތައުފީގް ވިދާޅުވި އެވެ.

އެމްއައިއެފް ބާއްވާ ދުވަސް ފައިނަލްކޮށްފައިވާ އިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ ޗައިނާއަށް ދަތުރުފުޅެއް ފައްޓައިފަ އެވެ. އެ ދަތުރުގައި ރާއްޖޭގެ އިގްތިސާދާއި ވިޔަފާރިއާއި ގުޅޭ ގޮތުން ޗައިނާގެ ކޮމާސް މިނިސްޓަރާއި ބައްދަލުކުރެއްވުމާއި އިންވެސްޓްމެންޓް ފޯރަމާ ގުޅިގެން ޗައިނާގެ ބޮޑެތި ވިޔަފާރިތަކާއި މަޝްވަރާ ކުރުން އޮންނާނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.

މިއަދު ބޭއްވުމަށް ކުރިން ނިންމި ދެ ވަނަ އިންވެސްޓްމަންޓް ފޯރަމް ފަސްކުރީ ޗައިނާގެ ޓިއަންޖިންގްގައި ހިނގާފައިވާ ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ.

އޮކްޓޫބަރު މަހުގެ ފަހުކޮޅު އެފޯރަމް ބާއްވާއިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ޗައިނާ ސަރުކާރުގެ އިސްވެރިންނާއި އެގައުމުގެ ވިޔަފާރިވެރިން ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓުރީން ބުންޏެވެ.

ބެއިޖިންގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭން އިންވެސްޓަރުންނަށްދޭ ރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ.

އެގޮތުން މިފަހަރުގެ ފޯރަމްގައި ބޮޑަށް އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ބޭންކިން އަދި ފައިނޭންސްގެ ދާއިރާ ހިމެނެ އެވެ. އޭގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން ވެސް މިފަހަރުގެ ބައްދަލުވުމުގައި ވާހަކަ ދައްކާނެ އެވެ.

މިފަހަރުގެ ފޯރަމްގައި ޖުމްލަ 800 ފަރާތަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު 100 ވިޔަފާރި ކުންފުނި ހިމެނޭ އިރު، "މޯލްޑިވްސް އިންވެސްޓްމެންޓް މެގަޒިން" ގެ ނަމުގައި މެގަޒިން އެއްވެސް ލޯންޗްކުރާނެ އެވެ.