15 Sep 2015, 20:20
ރާއްޖޭގެ ކުރިއަރަމުން އަންނަ ސޯލޯ އާޓިސްޓު މޫޝަން މުބާރިކް (މުއްމު)ގެ ފުރަތަމަ އޮފިޝަލް ސިންގަލް "ރީތިކަން"ގެ ވީޑިއޯ ލަވައަށް ގިނަ ބައެއްގެ ތަރުހީބު "އޮހެން" ފަށައިފި އެވެ.
މިމަހުގެ ފުރަތަމަ ދުވަހު އަޕްލޯޑު ކޮށްފައިވާ ވީޑިއޯލަވައަށް މިހާރު 30،000 އަށްވުރެ ގިނަ ޔޫޓިއުބް ވިއުސް ވަނީ ލިބިފައެވެ. މީގެ ނުވަ ވަރަކަށް މަސް ކުރިން މަސައްކަތް ކުރަން ފަށާފައިވާ އެ ލަވަ ހަދައިދީފައިވަނީ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އެވެ.
މުއްމުގެ މެލޮޑީއަކަށް ތައްޔާރުކޮށްފައިވާ އަމިއްލަ ރާގު އެ ލަވައަކީ ލޯބީގެ އުފާވެރި އިހުސާސްތަކެއް ކުރުވައިދޭ ލަވައެކެވެ.
ލަވައިގެ މިއުޒިކުން ފެށިގެން ވީޑިއޯގެ އިތުރުން ވީޑިއޯގައި ހަރަކާތްތެރިވާ އަންހެން ފަންނާނާ ހަމައަށް އާންމުންގެ ތައުރީފު ވަނީ އެ ލަވައަށް ލިބިފައެވެ.
ލަވައިގެ އަންހެން ފަންނާނުގެ ރޯލުން ފެނިގެންދާނީ ފެޝަން ޝޯތަކުން ފެނިގެންދާ މޫނެއް ކަމަށްވާ އައިމިނަތު ސޫޒަން އެވެ.
މެއި މަހުގައި ވީޑިއޯގެ ޝޫޓިން ފަށާފައިވާއިރު އޭގެ މަސައްކަތް ކޮށްފައިވަނީ "ޗޮޕްއާޓް"އިންނެވެ. އޭގެ މަސައްކަތް ނިންމާފަލާފައިވަނީ މިދިޔަ މަހުގައެވެ.
"ބުނާނެ ބަހެއްވެސް ނެތް.. އެހާވެސް ފުރިހަމަ ލަވައެއްމިއަކީ. ވަރަށް ރީތި. މުއްމުގެ މަސައްކަތައް ސާބަސް ކިޔަން،" ސޯސަލް މީޑިއާގައި ޒުވާނަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެއެވެ.
އޭގެ އިތުރުންވެސް ގިނަ ބައެއް ވަނީ ލަވައަކީ ވަރަށް ފުރިހަމަ ލަވައަކަށް ވެފައި އިތުރަށް ކުރިއަށް ހިތްވަރު ދިނުމަށްވެސް މުއްމުގެ "ފޭން" އިން ވަނީ ހިތްވަރު ދީފައެވެ.
"ރީތިކަން" އެ ލަވައަކީ މުއްމުގެ ޑެބިއުޓް އަލްބަމްގެ ރިލީޒް ކުރި ފުރަތަމަ އޮފިޝަލް ސިންގަލް އެވެ. "މޫޝާން"ގެ ނަމުގައި ނެރޭ ޑެބިއުޓް އަލްބަމްގައި އަމިއްލަ ރާގުގެ ހަތް ލަވަ އިންނާނެއެވެ.
މުއްމު ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތަކެއް ހޯދާފައިވާ ލަވަ "ރަންނަމާރި"ގެ އޮފިޝަލް ވާޝަން ވެސް އެ އަލްބަމްގައި ހިމެނޭނެއެވެ.