15 Sep 2015, 16:27
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ މުއްދަތުގައި ލިބުނު ކުރިއެރުންތަކަށް ބިނާކޮށް ހިއްސާދާރުންނަށް އިންޓެރިން ޑިވިޑެންޑް ބެހުމަށް އަމާނާ ތަކާފުލް މޯލްޑިވްސް އިން ނިންމައިފި އެވެ.
އަމާނާ ތަކާފުލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުނިން ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޕްރިމިއަމްގެ ގޮތުގައި ލިބުނު އާމްދަނީ 39.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 އިންސައްތަ ކުރިއެރުމެކެވެ.
ވަގުފު ފަންޑާއި އަދި ހިއްސާދާރުންގެ ފަންޑުގެ ފައިދާވެސް އިތުރުވެފައިވާ ކަމަށާއި މިއަހަރު އެހެންއަހަރުތަކާ އަޅައިބަލާއިރު އެ ފަންޑަށް 73 އިންސައްތައިގެ ކުރެއެރުމެއް ލިބިފައިވާ ކަމަށް އަމާނާތަކަފުލްގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ޖުމްލަ ގޮތެއްގައި ފަންޑުތަކުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާ ދިއުމުގެ މައްޗަށް ވަޒަންކޮށް، އަމާނާ ތަކާފުލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގުގެ ފަސް އިންސައްތަ އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ކަމަށް އަމާނާ ތަކާާފުލް އިން ބުންޏެވެ.
އަމާނާ ތަކާފުލް އިން އަންނަނީ އެ ކުންފުނި ރާއްޖޭގައި ރަޖިސްޓްރީ ކުރީއްސުރެ، ކުންފުނީގެ ބައިވެރިންނަށް ފައިދާގެ ގޮތުގައި ސާޕްލަސް ވެސް ބަހަމުންނެވެ.