15 Sep 2015, 16:04
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރޭ އާ ނޫޓް އަންނަ މަހުގެ ފަސް ވަނަ ދުވަހު ތައާރަފްކުރާން ހަމަޖެހިފައި ވާ ކަމަށާއި އެ ނޫޓު ބޭނުންކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހު ކަމަށް ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އަޒީމާ ވިދާޅުވީ އާ ނޫޓް ތައާރަފްކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު އަންނަ މަހު ފަސް ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމެވެ.
އަލަށް ނެރޭ ނޫޓް ސީރީޒް އަކީ އެންމެ ޒަމާނީ، ސަލާމަތީ ސިފަަތައް ބޭނުންކޮށްގެން، ޕޮލިމާ ގައި ޗާޕްކޮށްގެން ނެރޭ ނޫޓްތަކެއް ކަމަށް އަޒީމާ ވިދާޅުވިއެވެ. ޕޮލިމާ ގައި ފައިސާ ޗާޕްކުރުމުން އެ ފައިސާ ނަކަލުކޮށްގެން ވިއްކުމަކީ ނުކުރެވޭނެ ކަަމެއް ކަމަށް އަޒީމާ ވިދާޅުވިއެވެ.
" ޕޮލިމާއަކީ ކަރުދާހާއި ތަފާތު ގޮތަކަށް ތައްޔާރުވެސް ކުރަނީ، އަގުބޮޑު ވެސް އެއްޗެއް،" އަޒީމާ ވިދާޅުވި އެވެ.
ޕޮލިމާ ނޫޓްތައް އަވަހަށް ހަލާކުވެގެން ނުދާނެ ކަމަށާއި އަދި އެ ނޫޓް ތަކުގައި ގަލަމުން ކުރެހުމަކީ ވެސް އުނދަގޫކަމެއް ކަމަށް އަޒީމާ ވިދާޅުވިއެވެ. އަދި ރަންދިހަފަހެއްގެ ނޫޓްތައް ވެގެންދާނީ ޒާމާނާ ގުޅޭ އެއްޗަކަށް ކަމަށް އަޒީމާ ވިދާޅުވިއެވެ.
" މިހާރަކަށް ވުރެ ވަކި ބޮޑު ބްރީފްކޭހެއް ހޯއްދަވާކަށް ޖެހިވަޑައިނުގަންނާވާނެ ވަކި ޕޮލިމާ ގެންގުޅެންޖެހޭތީ. ހަމަ މިހާރުވެސް ވޮލެޓަށް ލައިގެން ތިބޭފުޅުން (ފައިސާ) ތި ގެންގުޅުއްވާ ގޮތަށް ގެންގުޅުއްވޭނެ،" އަޒީމާ ވިދާޅުވިއެވެ.
އާ ނޫޓާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުކުރުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.
އާ ނޫޓް ސީރީޒް ގައި ހިމެނޭ 10، 20، 50، 100، 500 އަދި 1000 ގެ ނޫޓެވެ.