އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރްވަނަންތަޕޫރަމް( ޓުރިވެންޑްރަމް)ގައި ފަރިތަކުރުމެއް ބާއްވައިފި އެވެ.

އިންޑިއާއާއި ރާއްޖޭގެ ސިފައިން ޓުރިވެންޑްރަމްގައި ބޭއްވި ތަމްރީނުތަކުގައި ސިފައިން މޫދުގައި ހަރަކާތްތެރިވަނީ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ޓުރިވެންޑްރަމްގައިވާ އަސްކަރީ މަރުކަޒެއްގައި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ފެށި ފަރިތަކުރުން ނިންމާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

"އެކުވެރިން 2015"ގެ ނަމުގައި ބޭއްވި އެހަރަކާތުގައި ކޮންމެ ގައުމަކުން 45 ސިފައިން ބައިވެރިވި އެވެ. ފަރިތަކުރުމުގެ މަގުސަދަކީ އެއްގައުމެއްގެ ސިފައިން މަސައްކަތް ކުރާ އުސޫލުތައް އަނެއް ގައުމުގެ ސިފައިންނަށް ދަސްވެ، ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހާ ކުރުން ކަމަށް އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާއާއި ރާއްޖޭގެ ސިފައިން ބޭއްވި ފަރިތަކުރުންތަކުގައި ހެލިކޮޕްޓަރަކުން ފައިބަނީ.

ފަރިތަކުރުމުގެ ފަހު ބައި ކުރިއަށް ދިޔަގޮތް ބައްލަވައިލެއްވުމަށް ޕަންގޯޑް މިލިޓްރީ ސްޓޭޝަންގެ ކޮމާންޑަރު ބްރިގޭޑިއާ ސާމިރު ސަލުންކީއާއި ދިވެހި ސިފައިންގެ ބްރިގޭޑިއާ އަލީ ޒުހައިރު ވަޑައިގެންނެވި އެވެ.

ބޭރު ގައުމެއްގެ ސިފައިން ބައިވެރިކޮށްގެން ޓުރިވެންޑްރަމްގައި ފަރިތަކުރުންތަކެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށް އިންޑިއާ އިން ބުންޏެވެ.

އިންޑިއާއާއި ރާއްޖޭގެ ސިފައިން ގުޅިގެން ޓުރިވެންޑްރަމްގައި ބޭއްވި ފަރިތަކުރުުމުގައި މައުލޫމާތު ދެނީ. ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އިންޑިއާ ސިފައިންނާއި ރާއްޖޭގެ ސިފައިން ގުޅިގެން ކޮންމެ އަހަރަކު ހިންގާ ފަރިތަކުރުންތައް ފުރަތަމަ ފެށީ 2009 ވަނަ އަހަރު އެވެ. އެ ގޮތުން މިދިޔަ އަހަރު ތަމްރީނުތައް ބޭއްވީ ދިވެހި ސިފައިންގެ މަރުކަޒެއް ކަމަށްވާ ޅ. މާފިލާފުށީގަ އެވެ.