ރާއްޖޭގައި އޮންނަ ގާނޫނީ އެއްވެސް ސަރުކާރެއް ދެން މަގުމަތީން ވައްޓައި ނުލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް އަލަށް ގުޅިވަޑައިގެންނެވި ކައުންސިލަރުންތަކެއް ސޮއި ކުރެއްވުމަށް މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީއާ ނުގުޅޭ ކޮންމެ ޕާޓީއަކީ ސަރުކާރާ އިދިކޮޅަށް އޮންނަން ޖެހޭ ޕާޓީއަކަށްވާކަށް ނުޖެހޭ ކަމަށެވެ. ސިޔާސީ ޕާޓީތަކަކީ ވެސް ސަރުކާރުން ކުރާ ރަނގަޅު ކަންތައްތައް ބަލައިގަންނަން ޖެހޭ ޕާޓީތަކަށްވާން ޖެހޭ ކަމަށް ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި ސަރުކާރުން ކަމެއް ކުރާ އިރު ސަރުކާރާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރާކަށް ވެސް ސިޔާސީ ޕާޓީތަކުން ނުޖެހޭ ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވި އެވެ.

"ސަރުކާރުން ގާނޫނާއި ގަވާއިދުގެ ތެރޭގައި އަދި ރައްޔިތުންނަށް ތަރައްގީގެ ކަންތައްތަކެއް ކުރާ ކަމަށް ވަނީ ނަމަ މަގުމަތިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމަކީ ގޯސް ވިސްނުމެއް. އަދި ﷲގެ އިރާދަފުޅުން އެކަމަކީ [ސަރުކާރެއް މަގުމަތިން ވައްޓާލުން] ދެން ރާއްޖޭގައި ކުރެވޭނެ ވެސް ކަމެއް ނޫން،" ރައީސް ޔާމީނި ވިދާޅުވި އެވެ.

ރައީސް ޔާމީނު ވަނީ ޕީޕީއެމް އިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބިގެން މީގެކުރިން ދެއްކި ނަމޫނާ ބަލައިގަތުމަށް އެހެން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރައްވާފަ އެވެ.

އިނގުރައިދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ސައީދު ޕީޕީއެމަށް ގުޅިވަޑައިގެން ފޯމު ރައީސް ޔާމީނާއި ހަވާލުކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"ރައްޔިތުންނަށް ދަތިވި ކޮންމެ ކަމެއްގައި އޭރު ސަރުކާރާ އިދިކޮޅަށް ޕީޕީއެމް އޮންނާނެ މަގުމައްޗަށް ނުކުމެފައި. އަދި ސަރުކާރު ޖަވާބުދާރީ ކުރަން މަޖިލީހުންނާއި މަޖިލީހުގެ ބޭރުން މަސައްކަތް ކޮށްފައި ހުންނާނެ. އެހެންނަމަވެސް ކޮންމެ ކަމެއްވެސް ކޮށްފައި ހުންނާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން. އެއްގޮތަކަށް ވެސް ގާނޫނުތައް މުގުރާލަފައި ފުލުހުންނާ ސިފައިންނަށް ދަތިވާ ގޮތަކަށް އަމަން ބަލަހައްޓަން ޖެހޭ ސަލާމަތީ ބާރުތަކަށް ދަތިވާ ގޮތަށް އަޅުގަނޑުމެން [ޕީޕީއެމް] ކަންތައްތަކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވަނީ ސިޔާސީ ލީޑަރެއް ބަންދުގައި ހުރުމުން ރާއްޖޭގެ ފަތުރުވެރިކަން ބޮއެކޮޓު ކުރުމަށް ގޮވާލައި ރާއްޖޭގެ ރައްޔިތުން އެހެން ގައުމަތަކަށް ދިއުމުގައި ހުރަސްތައް ކުރިމަތި ކުރުމަށް ގޮވާލުމުން އެކަމުން ގެއްލުންވާނީ ކޮން ދިވެއްސަކަށްތޯ ސުވާލު އުފައްދަވާފަ އެވެ.

"މި ސުވާލުގެ ޖަވާބު ދެއްވާ، އެންމެ ފަހުން އެގޮވާލީ ގޮވާލުމަށް އެ ރަށްރަށުގެ ނޫނީއްޔާ އެގައުމުތަކުގެ ސަރުކާރުގެ ނުވަތަ ޕުރެކްޓިސް ކުރާ ދާއިރާގެ އިސް މީހުން މިހާރު އެހެރީ އެކަމަށް ވަކާލާތު ކުރައްވައި ވާހަކަފުޅު ދައްކަވާފައި. ގައުމެއް ގާނޫނީ ހަމަތަކުގެ މަތީން އަމަލު ކުރަމުންދާއިރު އެއްގޮތަކަށް ވެސް މިކަހަލަ ދަތި ކުރުމުގެ ފިޔަވަޅެއް ނޭޅޭނެ. ދެން އެގޮވާލާ ގޮވާލުމަކީ އަޅުގަނޑުމެންނަށް އާ ގޮވާލުމެއް ނޫން،" ރައީސް ޔާމީނު ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުއްރައްޒާގު އަލީ ޕީޕީއެމްއާ ގުޅިވަޑައިގެން ފޯމު ރައީސް ޔާމީނާއި ހަވާލުކުރައްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ލިބެން ޖެހޭ އަދަބެއް ލިބެނީ އެ ލީޑަރުން ކުރައްވާފައިވާ ކަމެއްގެ ޒިންމާއެއް ނެގުމުގެ ގޮތުން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކުން އެއްވެސް މީހަކަށް ނުވަތަ ސިޔާސީ ލީޑަރަކަށް ވެސް ހަސަދަވެރިއެއް ނުވާނެ ކަމަށެވެ.

"އެހެންނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް ކުރައްވާ ކަމެއްގެ ސަބަބުން ބަޔަކަށް ބޮޑެތި ޖިސްމާނީ ގެއްލުންތަކެއްވާ ކަމަށްވާ ނަމަ އޭގެ ޖަވާބުދާރީވާން ޖެހޭނެ. އެއީ އަޅުގަނޑުގެ ސަރުކާރެއްގައި ޖިނާއީ އަދުލުގެ ނިޒާމު ހުރިހާ އެންމެނަށް ވެސް ހަމަހަމަކަންމަތީ ހިނގާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީނު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވޭނާއި ކެކުޅުމުގައި ތިއްބަވާ ކަމަށް ވަނީ ނަމަ އެބޭފުޅުން އެގޮތަށް އެ ތިއްބަވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރުމަށް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރ. އަތޮޅުގެ ތިން ކައުންސިލަރަކާއި ކ. އަތޮޅުގެ ދެ ކައުންސިލަރަކު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންފަ އެވެ.

އެގޮތުން މިއަދު ޕީޕީއެމަށް އަލަށް ގުޅިވަޑައިގެން ކައުންސިލަރުންނަކީ ކ. ތުލުސްދޫ ކައުންސިލުގެ ރައީސް އަހުމަދު އަނީސާއި އަދި ހަމަ އެރަށު ކައުންސިލުގެ ނައިބު ރައީސް އަބްދުއްރައްޒާގު އަލީ އެވެ. އެ ދެ ބޭފުޅުންނަކީ މީގެކުރިން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ތިއްބެވި ބޭފުޅުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރ. އިނގުރައިދޫ ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ މެމްބަރު އަބްދުﷲ ސައީދު ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފަ އެވެ. އަދި ހަމަ އެކައުންސިލުގެ ހިމެނިވަޑައިގެން އަދާލަތު ޕާޓީގެ މެމްބަރު އަބްދުﷲ އަބްދުއްރަހުމާނާއި މުހައްމަދު ޔާސިރު ވެސް ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.