މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 600 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް އުފައްދައިދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ކޯޕަރޭޓިވް ސާވިސް ޑިވިޝަންގެ ހެޑް އިބްރާހިމް އަފްޒަލް ވިދާޅުވީ 600 އަށް ވުރެ ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވައިދީފައި ވަނީ ސަރުކާރުގެ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

"ސަރުކާރުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މިހާރު އެމްޕީއެލް އިން ވަނީ 600 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހޯދުމަށް ވަޒީފާތަކެއް އުފައްދާފައި. އެ ވަޒީފާތަކުގައި ގިނައިން ހަރަކާތްތެރިވާނީ ޒުވާނުން،" އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރުގެ ހިދުމަތް ފުޅާކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމްޕީއެލް އިން ބުނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ކުރުމަށް ޓަކައި 10 މެޓްރޯ ބަހާއި ތިން އެކްސްޕްރެސް ފެރީ އަދި މުދާ އުފުލާ ފެރީއެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އައްޑު އާއި ފުވައްމުލަކާ ދެމެދު ދަތުރުފަތުރުކޮށް ހެދުމަށް ލޯންޗެއް ގެނައުމުގެ މަސައްކަތް ކުރާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި 33 ބަސް ސްޓޭންޑް ގާއިމް ކުރާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ. އަދި އެ ހިދުމަތް ގާއިމު ކުރުމާ އެކު 400 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެ އެވެ.