15 Sep 2015, 15:48
ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ތިން މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް އަނެއްކާވެސް ފުރުސަތުދީފިއެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމްގެ މައްޗަށެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އެ މީހުންނަށް އިތުރު ފަސް ދުވަހުގެ މުއްދަތެއްދީފައެވެ.
ގާޒީ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެއްސިޔަސް މައްސަލަ ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެކަން ވަކީލަށް އެންގުމަށް ވެސް ގާޒީ ވަނީ އެ ތިން މީހުންނަށް އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން އެ މީހުންގެ ތެރެއިން މިދުހަތާއި އަހްމަދު ސައީދުގެ މައްޗަށް ދައުވާ އުފުލުމަށްފަހު ދިރާސާ ކުރުމަށްޓަކައި ދައުލަތުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ކައިރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ. ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ.