15 Sep 2015, 15:23
ބޭރުގެ ފަރާތްތަކުން ސަރުކާރަށް ކިތަންމެ ޕުރެޝަރެއް ކުރިކަމުގައި ވިއަސް ސަރުކާރުން ނުކުރާނެ ކަންތައްތަކެއް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުންތަކެއް ޕީޕީއެމަށް ސޮއިކުރެއްވުމަށް މިއަދު މެންދުރު މުލިއާގޭގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ގާނޫނާއި އެއްގޮތަށް މިއަދުގެ ސަރުކާރުން ކުރަމުންދާ ކަންތައްތައް ގާނޫނާ ހިލާފަށް ކުރުމަށް ގޮވާ ގޮވުންތަކަކަށް އެމަނިކުފާނު އިޖާބަ ނުދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބޭރުގެ ފިއްތުންތަކަށް ދިވެހިރާއްޖޭގެ ސިޔާދަތު "ކަންފަތި" ކޮށްލުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
"ފިއްތުންތައް ކިތަންމެ ބޮޑުވިއަސް އެއީކީއެއް ޖާގަ ދޭނެ ކަންތައްތަކެއް ނޫން. ދިވެހި ދައުލަތަކީ ކުޑަ ދައުލަތެއް. އެހެންނަމަވެސް އދ.ގެ ފެމެލީގައި އުޅޭ ދައުލަތެއް. އަޅުގަނޑުމެންނަށް [ރާއްޖެ] އިހުތިރާމު ލިބެންޖެހޭނެ އެހެން ގައުމުތަކުން. އަޅުގަނޑުމެން އެހެން ހުރިހާ ގައުމަކަށް އިހުތިރާމު ކުރާ ފަދައިން އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގެ އިހުތިރާމު ލިބެން ވާނެ. އެ އިހުތިރާމު ލިބޭ ޖަމާއަތެއްގެ ތެރޭގައި އަޅުގަނޑުމެން އުޅޭނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރަން. އަދި އެހެން މީހުން ޒިންމާދާރު ކުރުވަން،" ރައީސް ޔާމީނު ވިދާޅުވި އެވެ.
ރައީސް ޔާމީނު ވިދާޅުވީ، ރާއްޖެއަށް ބައެއް ޖަމާއަތްތަކުންނާއި ބައެއް ގައުމުތަކުން އިހުތިރާމު ނުކުރާ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ވިސްނުން ހުރީ އެ ގައުމުތަކާ ޖަމާއަތްތަކައިގެން ކުރިއަށް ދިއުމަށް ކަމަށެވެ. އެގޮތުން އެއްގައުމެއްގެ ސިޔާދަތަށާއި އިސްތިގުލާލަށް އަނެއް ގައުމަކުން ވެސް އިހުތިރާމު ކުރަން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނާއި އެ ދީނުގެ ޝަރީއަތުގައި ކުށްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބުތަކާއި ހުކުމުތައް ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް އެއްގޮަތަކަށް ތަންފީޒު ކުރާނެ ކަމަށެވެ.
"މީގެތެރޭގައި އެއްވެސް އިސްތިސްނާއެއް ނޯންނާނެ. ގާނޫނާއި އެއްގޮތަށް ކުރާއިރު މި ސަރުކާރުން އެއްވެސް ކަމެއް ކުރުމަކަށް ފުރަގަހެއް ނުދޭނެ. ފަސްޖެހުމެއް ނޯންނާނެ. އެހެންވީމަ މިކަހަލަ އުސޫލުތަކެއް ގަބޫލު ނުކުރެވޭތީ އަޅުގަނޑުމެންނަށް ފިއްތުން ގެނައުމަށް ގޮވާލަނީ. އެހެންނަމަވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަކަށް ޖާގަ އޮންނަން ވާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.