15 Sep 2015, 14:25
މަސްތުވުމަށް ޑޮކްޓަރީ ބޭސް ބޭނުންކުރުން ވަނީ އާއްމުވެފައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ކަސްޓަމް ގުޅިގެން މިއަދު ހެނދުނު ކަސްޓަމްގައި ފެށި 'އެސެސްމެންޓް އޮފް ފާމަސޫޓިކަލް ޑްރަގް އެބިއުސް އިން މޯލްޑިްވްސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ވަހީދު ވިދާޅުވީ މަސްތުވުމަށް ޑޮކްޓަރީ ބޭސް ބޭނުންކުރުން އިތުރުވާ ސަބަބުތައް އެބަހުރި ކަަމަށެވެ.
އެގޮތުން މަސްތުވުމަށް ޑޮކްޓަރީ ބޭސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް މީހުން ގަބޫލުނުކުރާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރުން ހުއްޓުވުމަށް މަސައްކަތްކުރާއިރު ގާނުނީ ގޮތުން ރާއްޖޭ އެތެރެވާ ބޭސް މަސްތުވުމަށް ބޭނުންކުރަމަކީ ވެސް ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
ގޮންޖެހުންތައް ގިނަ
މަސްތުވުމަށް ޑޮކްޓަރީ ބޭސް ބޭނުންކުުރުން ހުއްޓުވުމަށް ގޮންޖެހުންތައް އެބަހުރި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"މި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މިކަން ހުއްޓުވުމަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި އަދި މި ދާއިރާގެ ތަޖުރިބާ ނެތުން ހިމެނޭ،" ހުސައިން ވަހީދު ވިދާޅުވި އެވެ.
އެހެންނަމަވެސް ގާނޫނީ އޮނޮގަނޑެއް އަންނަންދެނޭ ކިޔާފައި މި މައްސަލަ ހައްލުނުކޮށް ނުތިބެވޭނެ ކަަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
މިއަދު ފެށި ވޯކްޝޮޕްގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އަޅަންވީ ގޮތުގެ މަންޒަރެއް ކުރެހިގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

'އެސެސްމެންޓް އޮފް ފާމަސޫޓިކަލް ޑްރަގް އެބިއުސް އިން މޯލްޑިްވްސް" ވޯކްޝޮޕްގެ ބައިވެރިން -- ސަން ފޮޓޯ: މުހައްމަދު ނާސިހު
މިއަދާއި މާދަމާ ކުރިއަށްދާ އެ ވޯކްޝޮޕްގައި އެކި ދާއިރާތަކުގެ 40 ބޭފުޅުން ބައިވެރިވެ އެވެ. އެ ވޯކްޝޮޕްގައި ލިބޭ މައުލޫމާތަށް ބަލާފައި މަސްތުވުމަށް ޑޮކްޓަރީ ބޭސް ބޭނުންކުރުން ހުއްޓުވުމަށް ގާނޫނީގޮތުން ގެންނަން ޖެހޭ ބަދަލުތަކުގެ މައުލޫމާތާއި ޓްރެއިނިންގެ ފުރުސަތުތައް ޔޫއެންއިން ދެއްވާނެ ކަަމަށް ކަސްޓަމްސްގެ ސީނިއާ ސްޕްރިންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވި އެވެ.

'އެސެސްމެންޓް އޮފް ފާމަސޫޓިކަލް ޑްރަގް އެބިއުސް އިން މޯލްޑިްވްސް" ވޯކްޝޮޕްގެ ބައިވެރިން -- ސަން ފޮޓޯ: މުހައްމަދު ނާސިހު
ރާއްޖޭގައި ޑޮކްޓަރީ ބޭސް މަސްތުވުމަށް ބޭނުންކުރުމާ ބެހޭ ގޮތުން ޔޫއެންއޯޑީސީން ވަނީ 2011 ވަނަ އަހަރުވެސް ދިރާސާއެއް ހަދާފަ އެވެ.