އޮސްޓްރޭލިއާގެ ވެރިކަން ކުރާ ލިބަރަލް ޕާޓީގެ ލީޑަޝިޕް ބަދަލު ކުރުމަށް ޕާޓީން އިއްޔެ ނެގި ވޯޓްގައި ލީޑަރު ކަމަށް އަލަށް ގެނައި މެލްކޮމް ޓާންބުލް އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި އެވެ.

އިއްޔެ ނެގި ވޯޓްގައި ލިބަރަލް ޕާޓީގެ ލީޑަރު ދުރުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ޓޯނީ އެބޮޓްގެ ސަރުކާރުގައި ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރުކަން ކުރެއްވި ޓާންބުލް ހުވާކުރެއްވުމުން އޭނާ ވެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ހަތަރު ވަނަ ބޭފުޅާ އަށެވެ.

މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އެބޮޓް ވިދާޅުވި ކަމަށް ބީބީސީ އިން ބުނީ މަގާމުން ދުރުކުރިކުރުމަކީ އުނދަގޫ ހާލަތެއް ކަމަށެވެ. ނަމަވެސް އާ ސަރުކާރާ ދެކޮޅު ވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އުމުރުން 60 އަހަރުގެ ޓާންބުލް އަކީ އެގައުމުގެ ޕާލަމެންޓްގައި މިވަގުތު ތިއްބެވި މެމްމަބަރުންގެ ތެރެއިން އެންމެ މުއްސަނދި އެއް މެމްބަރެވެ.

ކުރިން ނޫސްވެރިކަމުގައި އުޅުއްވުމަށް ފަހު އޭނާ ވެވަޑައިގެންނެވީ ގާނޫނީ ވަކީލަކަށެވެ. އަދި އެއަށް ފަހު އިންވެސްޓްމެންޓް ބޭންކެއް ހިންގަވައި އަދި ވެންޗާ ކެޕިޓަލިސްޓަކަށް ވެވަޑައިގެންނެވި އެވެ. އޭނާ އޮސްޓްރޭލިއާ ޕާލަމެންޓަށް ފުރަތަމަ އިންތިހާބު ވީ 2004 ވަނަ އަހަރު އެވެ.