15 Sep 2015, 15:31
ސަރުކާރަށް ފާރަވެރިވެ ކަންކަން ކުރާގޮތުގެ ދެކޮޅު ބެލުމަށްޓަކައި ލޮބީ ގްރޫޕެއް އުފައްދަން ނިންމާފައިވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ލޮބީ ގްރޫޕްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ޝިފާ ވިދާޅުވީ، އެ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރަށް ފާރަވެރިވުމާއި ކުޑަކުދިންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ރަށުތެރޭގައި ކަންކަން ކުރުމުގައާއި އެހީތެރިކަން ދިނުމުގައި ފާރަވެރިވުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ޝިފާ ވިދާޅުވީ، އިގްތިޞާދީ ގޮތުން ރަށަށް އަންނަ ކުރިއެރުމާއި ނުލިބިވާ ކަންކަން ނުވަތަ ދިމާވާ އެކިއެކި ކަންތައްތަކުގައި އެމްޑީޕީގެ ތެރޭގައި މަސައްކަތްކޮށް ސަރުކާރުން ކުރާ ކަންކަމަށް ލޮބީ ކުރާނެ ކަމަށެވެ.
އެމްޑީޕީން ވަނީ އެޕާޓީގެ އެތެރޭގެ ކޮމިޓީތަކެއް ވެސް އުފައްދަން ނިންމާފަ އެވެ. އެގޮތުން އެޕާޓީގެ އަންހެނުންގެ ރޫހުން ވަނީ ގައުމީ ހިންގާ ކޮމޮޓީއެއް އުފައްދަން ނިންމާފަ އެވެ.