އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ޒަމީރު ސަން އަށް ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނާޒިމަށް ދީފައި ވަނީ މިއަދު ކަމަށެވެ.

ނާޒިމަށް އެ ހުއްދަ ދީފައި މިވަނީ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް އޭނާގެ އާއިލާއިން އެދިފައިވާތާ އެތަކެއް ދުވަސްވެފައި ވަނިކޮށެވެ. އެ ހުއްދަ ދިނުން ލަސްވާތީ ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ނާޒިމްގެ އާއިލާއިން ބުނެފައިވަނީ، އޭނާގެ ލޮލަށް އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.