ހއ. ކެލާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ގެންގޮސްފައި ވަނީ ގާނޫނޫ އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އިންތިހާބު ބާތިލްކޮށް، 30 ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސްގެ މައްޗަށް ހައި ކޯޓުން ކުރި އަމުރު ކުރުމާ ގުޅިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކެލާގައި އަލުން ވޯޓް ނަގާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާގައި ނެގި ވޯޓާ ގުޅިގެން ހައިކޯޓުން ހުކުމް ކޮށްފައިވާ ގޮތަށް ހއ. އަތޮޅު ކައުންސިލް، ކެލާ ދާއިރާގެ ވޯޓު އޭޕްރީލް 9 ވާ ހޮނިހިރު ދުވަހު ނަގާ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ވޯޓުލުން އެ ދުވަހު ހެނދުނު 8:00 ން ހަވީރު 4:00 އަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ވޯޓް ނަގައި ނިމޭތާ ތިރީސް މިނެޓްގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށެވެ.
ކެލާ ވޯޓުގެ މައްސަލައިގައި ހުކުމް ކުރައްވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު އިއްޔެ ވިދާޅުވީ ކޮންމެ ވޯޓެއް ނަގައި ނިމުމާ އެކު އެ މަރުކަޒެއްގައި ވޯޓު ގުނައި އެ މަރުކަޒެއްގައި ނަތީޖާ އިއުލާން ކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 171 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ކެލާ ރަށު ކައުންސިލަށާއި ހއ. އަތޮޅުގެ ކެލާ ދާއިރާގެ ވޯޓު ލުމަށް އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ގުނައި، ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ ހދ. ހަނިމާދޫގައި ކަމަށް އިލެކްޝަންސްގެ އިއުތިރާފުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.