ޕްްރެޒިޑެންޓް ކަޕްގެ ކުޅުދުއްފުށީ ގްރޫޕްގެ ފުރަތަމަ މެޗްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް މިއަދު ބައްދަލު ކުރާއިރު ބީޖީ އޮތީ ގިނަ ދުވަސްތަކެއްގައި ޓީމް އެކުގައި ޕްރެކްޓިސްކޮށް މެޗަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ބީޖީގެ ކޯޗް މުޙައްމަދު ޝާޒުލީ (ޝަޒު) ބުނެފިއެވެ.

މިދިޔަ އަހަރުވެސް ޕްރެޒިޑެންޓް ކަޕްގައި ވާދަކުރި ޓީމްގެ ކޯޗް ޝާޒު ބުނީ، ބީޖީގެ ފުރަތަމަ އަމާޒަކީ މިއަހަރު މުބާރާތުގެ ސެމީފައިނަލަށް ދިއުން ކަމަށެވެ.

ޝާޒު ބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށާއި ވޯލްޑްކަޕް ކޮލިފައިންނައަށް ގައުމީ ޓީމް ތައްޔާރުވުމަށް ނެގި ބްރޭކްގައި އެޓީމުން ޕްރެކްޓިސް ކުރަމުން ދިޔަކަމަށާއި އަދި ފަހުން ލީގަށް ގެނައި ބަދަލުތަކާއެކު ޕްރެޒިޑެންޓް ކަޕްގައި ވާދަކުރަން ޖެހުމުން ފަރިތަކުރުންތައް ފޯކަސް ކުރީ ޕްރެޒިޑެންޓް ކަޕަށް އަމާޒުކޮށްގެން ކަމަށެވެ.

ބީޖީން ވަނީ މުބާރާތަށް ތައްޔަރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ނިއުއާ އެއްވަރުކޮށްފައެވެ.

ބީޖީއަށް މުބާރާތުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކި އެޓީމްގެ ހުނަރުވެރި ފޯވަޑް ޢަބްދުﷲ މުއާޒު (އޮޓޯ) އަށް އަނިޔާވުމުގެ ސަބަބުން މުބާރާތުގައި ނުކުޅެވުމެވެ.

އޮޓޯއަށް ލިބިފައިވާ އަނިޔާ، އިތުރަށް ދެނެގަނެވޭނީ އިތުރު ޓެސްޓްތަކެއް ހެދުމުންކަމަށް ޝާޒުލީ ބުންޏެވެ. ގައުމީ ޓީމްގައި ލިބުނު އަނިޔާއާ ގުޅިގެން އެފްއޭއެމްގެ ބެލުމުގެ ދަށުން ފަރުވާގެ މަރުހަލާތައް ކުރިއަށްދާކަމަށް ޝާޒު ބުންޏެވެ.

އޮޓޯއަށް އަނިޔާވީ ގައުމީ ޓީމްގެ ޕްރެކްޓިސްގެ ތެރެއިންނެވެ.