15 Sep 2015, 15:34
ރާއްޖޭގައި، ޅަފަތުގައި ކުޑަކުދިން މަރުވާ އަދަދު ވަނީ ދުނިޔޭގެ ނިސްބަތުން ވަރަށް ބޮޑުތަން ދަށްކުރެވިފައި ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޭޝަނަލް ނިއުޓްރީޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ޅަފަތުގައި ކުދިން މަރުވާ އަދަދު ކުޑަ ކުރެވިފައިވާއިރު ދުނިޔޭގައިވެސް އެ އަދަދު އަންނަނީ ތިރިވަމުން ކަމަށެވެ. އެއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގައި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު ދުނިޔޭގެ ނިސްބަތުން ވަރަށް ބޮޑުތަން ދައް ކުރެވިފައިވާ ކަން އަޅުގަނޑު ފަހުރުވެރި ކަމާއެކު ދަންނަވަން. މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ހަމަ އެފަދައިން އެ އަދަދު ދުނިޔޭގެ ނިސްބަތުންވެސް އަންނަނީ ވަރަށް ކުޑަ ވަމުން،" އިރުތިޝާމް ވިދާޅުވިއެވެ.
މިއަދުގެ މައުލޫއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކާ އަޅައިބަލާއިރު ރާއްޖޭގައި ކުޑަކުދިންގެ ނިސްބަތުން ނިއުޓްރީޝަން ރަނގަޅުގޮތުގައި ލިބެން ޖެހޭ މިންވަރަށް ލިބޭ ކުދިންގެ އަދަދު މަތިވެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ކުޑަ ވަމުން އަންނަ ކަމުގައި ވީނަމަވެސް އެއީ ކުޑަ ކުއްޖާ ބޮޑުވަމުން އަންނަ އިރު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އޮތް އެންމެ ބޮޑު އެއް ގޮން ޖެހުން ކަމުގައި އިރުތިޝާމް ވިދާޅުވިއެވެ.