ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގާ މރ. ޗިކޯ ރެސްޓޯރަންޓުގައި ކުރަމުންދާ ވިޔަފާރި ހުއްޓާލައި، ތަނުން މުވައްޒަފުންނާއި ތަކެތި ނެރެ މާލޭ ސިޓީއާ ހަވާލު ކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން ކޯޓުގައި މިއަދު އެދެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި މިއަދު ބުނީ މުސްތަފާގެ ބެލުމުގެ ދަށުން މރ. ޗިކޯ ހިންގާ ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް އިން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށާއި މިހާތަނަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3،617،483ރ. ދައްކަންޖެހި ނުދައްކައިވާ ކަމަށެވެ. އެހެންކަމުން ތަނުގައި ކުރަމުންދާ ވިޔަފާރި ހުއްޓާލައި، ތަނުގެ މުވައްޒަފުންނާއި މުދާ ނެރެ މާލޭ މުނިސިޕަލްޓީއާ ތަން ހަވާލު ކުރުމަށް ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސް އަށް ކޯޓުން އެންގުމަށް ދައުލަތުން އެދުނެވެ.

"އެއްބަސްވުމާ ހިލާފަށް އެ ކުންފުނިން ތިން ނަންބަރު ފުޑް ކޯޓް ހިންގަމުންދާތީ ބުނެވިދިޔަ ތަން ބޭނުން ކުރުން މިހިނދުން މިހިނދަށް ހުއްޓާލައި ތަނުގައި މަސައްކަތް ކުރަމުން ގެންދާ ހުރިހާ މުވައްޒަފުންނާއި ތަނުގައިވާ އެންމެހާ ތަކެއްޗާއި ސާމާނެއް ތަނުން ނެރެ، ތަން ހުސްކޮށް މާލޭ ސިޓީ ކައުންސިލާއި މިހިދުން މިހިނދަށް [ހަވާލު ކުރުމުގެ އަމުރަކަށް އެދެން]،" ދައުލަތުން ނެރެދިނުމަށް އެދުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ކުރީ ދުވަހު އޮތް ޝަރީއަތުގައި ޔުނައިޓެޑް ފެމިލީ ޕްރޮޕެޓީސްގެ ހިއްސާދާރުން ބުނެފައި ވަނީ ކުންފުނި ހިނގާ ނުހިނގާ ގޮތެއް ނޭނގޭ ކަމަށާއި ހުރިހާ ކަމަކާ ހަވާލު ހުންނެވީ މުސްތަފާ ކަމަށެވެ. އަދި ކުންފުނީގެ އެކައުންޓްތައް ވެސް މުސްތަފާގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ކަމަށް ހިއްސާދާރުން ބުނެފައިވެ އެވެ.