ދިރާގުގެ ސީއީއޯ އިސްމާއިލް ވަހީދު މަގާމުން އިސްތިއުފާ ދެއްވައި ރިޓާކުރައްވައިފި އެވެ.

އޭނާ އެ މަގާމުން މި ރިޓާޔާ ކުރެއްވީ އެ މަގާމުގައި 11 އަހަރުވަންދެން ހުންނެވުމަށް ފަހު އެވެ. ޓެކްނީޝަނެއްގެ ގޮތުގައި ދިރާގާ ގުޅިވަޑައިގަތް އިސްމާއީލު ވަހީދު ދިރާގުގެ ސީއީއޯ ކަމާ ހަވާލުވެވަޑައިގަތީ 2004 ވަނަ އަހަރު އެވެ.

އިސްމާއިލް ވަހީދުގެ އިސްތިއުފާ ދިރާގުގެ ބޯޑުން ވަނީ ގަބޫލުކޮށްފަ އެވެ.

ިދިރާގުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، އިސްމާއީލު ވަހީދުގެ ލީޑާޝިޕްގައި ދިރާގުން ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އެގޮތުން އިސްމާއީލު ވަހީދުގެ މޭސްތިރިކަމުގެ ދަށުން މުއާސަލާތީ ވިއުގައެއް ގާއިމުކޮށް، ހަލުވިކަމާކަމާ އެކު ބަދަލުވަމުން އަންނަ އަދި ވާދަވެރި ސިނާއަތެއްގެ ކުރީ ސަފުގައި ދިރާގު ދެމެހެއްޓުމަށް އިސްމާއީލު ވަހީދުގެ ދައުރު ބޮޑުކަމަށެވެ.

ދިރާގު ބޯޑުން މިހާރު ވަނީ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ އިސް މެނޭޖްމެންޓަގައި ހިމެނޭ އިސްމާއިލް ރަޝީދު ހަމަޖައްސައިފަ އެވެ.

އިސްމާއިލު ވަހީދަކީ ދިރާގުގައި އެއްމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ މެދު ނުކެނޑި 38 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ޓެލެކޮމިއުނިކޭޝަން ދާއިރާގައި މަސައްކަތްކުރައްވައިފަ އެވެ.

ދިރާގުން ބުނީ އިސްމާއީލު ވަހީދުގެ ހިދުމަތް ބަލައިގަނެ، ދިރާގުގެ މެނޭޖުމަންޓާއި މުވައްވަޒަފުންނާއި ޑިރެކްޓަރުން ބޯޑުގެ ނަމުގައި އިސްމާއީލު ވަހީދަށް ޝުކުރުވެރިވާ ކަމަށެވެ.