15 Sep 2015, 11:32
ދުނިޔޭގެ އެންމެ މުއްސަނދި ކުޅިވަރު ކްލަބުތަކުގެ ލިސްޓުގެ އެއްވަނަ މަގާމް ސްޕެއިންގެ ރެއާލް މެޑްރިޑަށް ގެއްލިއްޖެ އެވެ.
ވިޔަފާރި މަޖައްލާއެއް ކަމަށްވާ، ފޯބްސް އިން ނެރުނު އެންމެ ފަހުގެ އަހަރީ ސާވޭ އިން ދައްކާގޮތުން މިހާރު ދުނިޔޭގެ އެންމެ މުއްސަނދި ކުޅިވަރު ކްލަބުގެ މަގާމުގައި އޮތީ، އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގުގައި ވާދަކުރާ 'އެމެރިކަން ފުޓްބޯޅަ' ޓީމެއް ކަމަށްވާ ޑަލަސް ކައުބޯއީސް އެވެ.
ކައުބޯއީސް އަށް އެ މަގާމު ލިބިފައިވަނީ އެ ކްލަބުގެ މިލްކިއްޔާތުގައި ހުރި ހަތަރު ބިލިއަން އެމެރިކާ ޑޮލަރާއެކު އެވެ.
އެންއެފްއެލް ޗެމްޕިއަންޝިޕް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ކައުބޯއީސްއަކީ އެމެރިކާގެ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ ޖޯން ޖެރީ ހިންގާ ކުލަބެކެވެ.
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެޓީމަށްވަނީ 402 މިލިއަން ޕައުންޑް ލިބިފައެވެ. މިއީ އެމެރިކާގެ ރެކޯޑް އަދަދެކެވެ.
ކައުބޯއީސް ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ އެންމެ ކުރިއަށް އެރީ އެޓީމްގެ އޯނަރު ޖެރީ ޖޯންސްގެ ޝްރޫޑް މާކެޓިންއިންއަށް ލިބުނު ފައިދާތަކާއި ދަނޑުގައި ކުޅުނު މެޗްތަކުން ރެކޯޑް އަދަކަށް ވިކުނު ޓިކެޓްތަކުންނެވެ.
މިދިޔަ ޖުލައި މަހު އެންމެ މުއްސަނދި ކްލަބުގެ ގޮތުގައި އޮތް ރެއާލް މެޑްރިޑް ލިސްޓުގެ ދެވަނައަށް ވެއްޓުނުއިރު އެކުލަބުގެ މިލްކިއްޔާތުގައި ހުރީ، 3.26 ބިލިއަން އެމެރިކާ ޑޮލަރެވެ.
އެ ކްލަބުގެ ފަހަތުން ލިސްޓުގެ ހަތަރު ވަނައިގާ ސުޕަރ ބައުލްގެ ޗެމްޕިއަން ނިއު އިންގްލޭންޑް ޕެޓްރިއޮޓްސް އޮތްއިރު، މޭޖާ ލީގް ބޭސްބޯލްގައި ވާދަކުރާ ނިއު ޔޯކް ޔަންކީސް އޮތީ ހަތަރު ވަނައިގަ އެވެ. އެ ދެ ކްލަބުގެ މިލްކިއްޔާތުގައި ވެސް ހުރީ 3.2 ބިލިއަން އެމެރިކާ ޑޮލަރެވެ.
ފޯބްސްގެ އަހަރީ ރިޕޯޓް ދައްކާގޮތުން އެންމެ މުއްސަނދި ކުޅިވަރު ކްލަބްތަކުގެ ފަސް ވަނައިގައި އޮތީ ރެއާލްއާ ވާދަވެރި ބާސެލޯނާ އެވެ. އެ ކްލަބުގެ މިލްކިއްޔާތުގައި ހުރީ 3.16 ބިލިއަން އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން ސްޕޯޓްސްވެއާ ކުންފުނި، އެޑިޑާސް އާއެކު 10 އަހަރުގެ ސްޕޮންސާޝިޕް އެއްބަސްވުމެއް ހެދި، މެންޗެސްޓާ ޔުނައިޓަޑުގެ މިލްކިއްޔާތުގައި ހުރި 3.1 ބިލިއަން އެމެރިކާ ޑޮލަރާއެކު އެ ކްލަބް ވެފައިވަނީ ޕްރިމިއާ ލީގުގައި އެންމެ މުއްސަނދި ކްލަބަށެވެ.