15 Sep 2015, 10:09
އަންނަ ހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހާއި އަންގާރަ ދުވަހަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި މަހުގެ 20، 21، 22 އަދި 27 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައި ވަނީ ރައްޔިތުންގެ ލުއި ފަސޭހައަށްޓަކައި ކަމަށެވެ.
ނަމަވެސް އިއްޔެ ރައީސް އޮފީހުން ބުނެފައި ވަނީ 20، 21 އަދި 22 އަކީ ރަސްމީ ދުވަސްތަކެއް ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަންނަ ހަފްތާގެ ބަންދު ދުވަސްތަކަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މުޅި ހަފްތާގައި ސަރުކާރު ބަންދުވާނެ އެވެ. އަދި ބަންދު ދުވަސްތަކުގެ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ޖުމްލަ 10 ދުވަސް ޗުއްޓީގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އެވެ.
ކޮންމެ އަހަރަކު ވެސް އަޟްހާ އީދާ ދިމާކޮށް، ލިބޭ ބޮޑު ޗުއްޓީގައި ގިނަ ބަޔަކު އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށްދެ އެވެ.