މިދިއަ ބުދަ ދުވަހުގެރޭ އިރު އޮއްސުމުގެ ކުރިން ވެސް އަހުސަން ބަޝީރު، 21، (ބަކްސީ) އަށް އޮތީ ބޮޑު ކަމެއް ޔަގީން ވެފަ އެވެ. އެވާހަކަ އޭނާ ވަނީ ރައްޓެހި ކުދިން ގާތުގައި ބުނެފައެވެ. އެއީ އޭނާއަށް އެރޭ ހަމަލާދޭނެ ކަމަށް ލަފާ ކުރެވޭ ވާހަކައެވެ. ހަމަލަ ދޭން އަންނާނީ ކޮން ބައެއްކަން ވެސް އޭނާއަށް އެނގެ އެވެ. ބަކްޝީ ލަފާކުރި ގޮތަށް ބުދަ ދުވަހުގެ ރޭގެ ވަޅިން ހަމަލާދީ ވަނީ އޭނާ މަރާލާފަ އެވެ. ބަކްސީގެ މަރަކީ މާރާމާރީއެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ވީމަރަކަށް ވުރެ ބޮޑަށް އޭނާގެ އާއިލާއިން އެކަން ސިފަ ކުރަނީ ރޭވުމެއްގެ ތެރޭގައި ބަކްސީ "ގަތުލު" ކުރީ ކަމަށެވެ. އެހެންވެ ބަކްސީގެ މަރާ ބެހޭ ގޮތުން އާއިލާއިން ދަނީ ސުވާލުތައް ފެންމަތި ކުރުވައި މަރުގެ ހާދިސާގެ ހަގީގަތް ހޯދުމަށް ގާ ފުރޮޅަމުންނެވެ.

"މިކަމުގައި އޮޅުވައިލުންތަކަކާ އިހުމާލުވުންތަކެއް ވާކަމަށް އަޅުގަނޑުމެން ޔަގީން ކުރަން،" ބަކްސީގެ ބޭބެ ބުންޏެވެ. ހާލަތަށް ބަލައި އޭނާ، ނަން ހާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ބަކްސީގެ މަރާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ މުއާމަލާތް ކުރަނީ އޭނާ އެވެ. ބުނީ ބަކްސީގެ މަރަކީ މުޅި އާއިލާ ބިރުވެރި ކަމާއ ހާސްކަމުގެ ތެރެއަށް ކޮއްޕާލި މަރަކަށްވީ ނަމަވެސް މަރުގެ ހަގީގަތް ހޯދަން ބޭނުން ވަނީ ހަމައެކަނި އެ އާއިލާގެ މަސްލަހަތަށް ނޫން ކަމަށެވެ.

"މިހިނގަނީ މާރާމާރީއެއް ނޫން މިއީ ގަތުލާ އާންމުތައް. ބަކްސީގެ މަރާ ގުޅިގެން އަޅުގަނޑުމެން ދާންޖެހޭ ކޮންމެ މަގަކުން ދާނަން. ފުލުހުން ޖެހޭނެ އަޅުގަނޑުމެނަށް ގާތިލު ހޯދައިދޭން. ފުލުހުންގެ އެ ކެޕޭސިޓީ ހުންނަން ޖެހޭނެ މިކަމާ ގުޅޭ ހުރިހާ ފަރާތެއް ޒިންމާ ކުރުވުމަށް ފަހު އަޅުގަނޑުމެން ބޭނުން ވަނީ ބަކްސީގެ ގާތިލަށް އިސްލާމްދީނާއި ގާނޫނުގައިވާ ގޮތަށް އަދަބުދޭން،" މަރަށް މަރުހިފަން ބޭނުންވާ ކަމުގެ އިޝާރާތެއް ބަކްސީގެ ބޭބެ ދިނެވެ.

ބަޝީރުގެ މަރު ރޭވުމެއްތަ؟

ބަކްސީ މާލެ އައީ 2005 ވަނަ އަހަރު އެވެ. އީޕީއެސްގެ ނުވަ ވަނަ ކުލާހުގައި ކިޔެވުން ހުއްޓާލައި މާފަންނުކޮޅުން އެފުރައިގެ ކުދިންތަކަކާ ގުޅުނެވެ. އާއިލާއިން ބުނާ ގޮތުގައި ބަކްސީއަށް ނިސްބަތްވާ ގޮތަށް ފުރަތަމަ މާރާމާރީއެއް އައީ 2007 ވަނަ އަހަރު މާފަންނުގައި ދިން ހަމަލާއެއްގައި ޒުވާނަކު މަރުވި ހާދިސާގެ ތެރެއިން ކަމަށެވެ.

"ވީގޮތަކަކީ އެހެން ގްރޫޕަކުން ދިން ހަމަލާއެއްގައި ބަކްސީމެންގެ ރައްޓެހި ކުއްޖަކު މަރުވީ. އެހިސާބުން ދެ ގްރޫޕްގެ މެދުގައި ދުޝްމަން ކަން އޮތީ އުފެދިފަ. ހަމަލާވެސް ދޭ. މިހެން އައިސް ނޮވެމްބަރު 24 ، 2008 ގައި އެއްރެއަކު އައިޖީއެމްއެޗް، ވިލީފުލުސް ކުރިމަތީ ބަކްސީ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ،" ބަކްސީގެ އެއްބަނޑު އެއްބަފާ ދައްތަ ބުންޏެވެ.

އޭގެ ފަހުން ލައިސަންސް ނެތި ސައިކަލެއް ދުވައްވައިގެން ފުލުހުން ބަކްސީ ހައްޔަރު ކޮށްފައި ވަނިކޮށް ދެވަނަ ހަމަލާއެއްގައި ބަކްސީގެ ގަޔަށް ވަޅި ޖެހި އެވެ. ނަމަވެސް ފުލުހުންނަށް ވެސް ނާންގާ ބަކްސީއާ އޭނާގެ ރައްޓެހިން އަމިއްލައަށް ފަރުވާ ހޯދައި އެ ހާދިސާގެ ހަގީގަތަށް ވަނީ ފަސްލާފަ އެވެ. ނަމަވެސް ދެ ވަނަ ހަމަލާއަކަށް ފަހު ބަކްސީ، މާރާމާރީތަކާ ދުރަށް ގޮސް ވަޒީފާއެއް ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ.

އާއިލާއިން ބުނަނީ މަރާ ގުޅިގެން، ހާދިސާގެ މަންޒަރު އެކި ވަރަށް ފެނުނު މީހުންނާއި ބަކްސީގެ ރައްޓެހިންނާއި ފުލުހުން، އަދި ހޮސްޕިޓަލުން ދައްކާފައިވާ ވާހަތަކުން ޝައްކު އުފެދޭ ކަންތައްތަކެއް ތިލަވާ ކަމަށެވެ. "އެކިވަރަށް މަންޒަރު ފެނުނު ވަރަށް ގިނަ މީހުންގެ އަޑު އަޅުގަނޑުމެން އަހައިފިން ހުރިހާ އެންމެން ވެސް ބުނޭ ލޭތައް ބިމަށް ފެތުރިފައި ހުއްޓޭ އެތަނުގައި ވޭވް 125، ކަޅާއި ހުދުގެ ސައިކަލެއް ވެއްޓިފައި އޮތޭ. އެތާނގައި ތިބި ފުލުހުން ބުންޏޭ މީހުން އައީ ދެ ސައިކަލްގައޭ،" ބަކްސީގެ ބޭބެ ބުންޏެވެ.

މަންޒަރު ދުއް މީހުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި ފުލުހުން ފުރަތަމަ އެތަނަށް ދިޔައިރު ދެ މީހަކު ތިބީ ބަކްސީ ގައިގައި ތަޅައި އަނިޔާ ކުރާށެވެ. އިރުކޮޅެއް ފަހުން ސައިކަލްގައި އައި މީހުން ވަޅި ހިފައިގެން ތިބުމުން ކައިރިވާން ނުކެރި ތިއްބާ ބަކްސީގެ ހަށިގަނޑުގެ ފަސް ތަނަކަށް ވަޅި ޖެހުމަށް ފަހު ފިލީ އެވެ.

"އެކަކު ދުވެފައި ގޮސް ފިލި ކަމަށް ބުނަނީ. އަނެއް ތިން މީހުން އެއް ސައިކަލަށް އަރައިގެން ނައްޓައިލީ،" އޭނާ ބުންޏެވެ.
މިއީ އާއިލާގެ ވަރަށް ބޮޑު ސުވާލަކަށް ވެއެވެ. އެ މީހުން ބުނަނީ އެތައް ބައެއްގެ އެތައް ލޮލަކަށް ފެނިގެން ބުނާއިރު ވެސް ވެއްޓިފައި އޮތް ސައިކަލެއް ފުލުހުންނަށް ނުފެންނަ ކަމަށެވެ. "އެތާ މަގުމަތީގައި ތިބޭ ސެކިއުރިޓީން ވެސް. އެމީހުން ވެސް އެބަބުނޭ،"

ދެ ވަނަ ސުވާލެއް އުފައްދަނީ ވަޅި ހެރުމަށްފަހު އަލިކިލެގެފާނު މަގާ މަޖީދީ މަގު ގުޅުނު ޓްރެފިކް ލައިޓް ކައިރިއަށް ވައްޓައިލުމުން ލެޔާ ތަތްތެޅިފައި އޮތް ބަކްސީ ކާރެއްގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނާ ފުލުހުން ދައްކާ ވާހަކައިންނެވެ.

"ފުލުހުން ބުނަނީ ތިމަންނާމެން ބަކްސީ ގެންދިޔައީ ކާރުގައޭ. އަޅުގަނޑުމެން ހޯދައި ބެލިއިރު ކާރަކު ނޫން ގެންދިޔައީ. އަދި ބުރާސްފަތި ދުވަހުގެ ރޭ ޓީވީގެ ހަބަރުގައި ދައްކަނީ އެމްބިއުލާންސް ނުވަތަ އެކަހަލަ ވެހިކަލަކުން ބަކްސީ ހޮސްޕިޓަލަށް ބާލާތަން އެހެންވީމާ އެކަމުގައި އެބައުޅޭ އޮޅުވާލުމެއް!"

އާއިލާއިން ބުނާ ގޮތުގައި ބަކްސީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނާ ގަޑިއާ މެދުވެސް ޝައްކު އުފެދެ އެވެ. ހޮސްޕިޓަލަށް ވެއްދީ 3:15 ގައި ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާއި އެތާނގެ ރިކޯޑްތަކުން ކަށަވަރުކޮށްދޭއިރު ފުލުހުން ބުނާ ގަޑިއާ ދިމައެއް ނުވެއެވެ. ފުލުހުން ބުނަނީ އެމީހުން ސީނަށް ރިޕޯޓްކޮށްފައި ވަނީ 3:28 ގައި ކަމަށެވެ. ފުލުހުން މީޑިއާގައި ބުނެފައި ވަނީ 3:30 އެވެ.

"ފުލުހުން އެބުނާ ގޮތަށް 3:28 ގައި ރިޕޯޓް ކުރިޔަސް ބަކްސީ އެމެޖެންސީ ކެއާއަށް ގެންގޮސް ފަރުވާ ނުދީ ހަތަރެއް ޖަހަންދެން ބާއްވާފައި އޮތް އެކަން ޑޮކްޓަރުންގެ ބަހުން ސާބިތުވޭ،" ބަކްސީގެ ބޭބެ ބުންޏެވެ. "ޑޮކްޓަރުން އަޅުގަނޑުމެނަށް ޔަގީންކޮށްދޭ ހަތަރެއް ޖެހި ފަހުންކަން ބަކްސީ އޮޕަރޭޝަން ތިއޭޓަރަށް ވައްދާ ފަރުވާ ދޭން ފެށީ. އޭރު އެނާގެ ވިންދު ނެތް ކަމަށް ވެސް އެބަވިދާޅުވޭ. އޮޅުވާލުންތަކެއް ވާކަން މިއިން އެނގޭ. އެއީ އޭގެ ކުރިން ބަކްސީ ފުލުހުންނާ ވާހަކަ ދެއްކި ކަމަށް އަޅުގަނޑުމެންގެ ގެއަށް އައި ފުލުހުން އެބަބުނޭ،"

ބަކްސީ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ފުލުހުންނާ ހަވާލާދީ އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބަކްސީގެ ހޭ ހުރި ކަމަށާއި އެމީހުނާ ބަކްސީ ވާހަކަ ދައްކާފައިވާ ކަމަށެވެ. އެކަމަށް ފުލުހުން އެއްބަސްވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"އެ މީހުން ބުނަނީ ގޮވާލާފައި ބުންޏޭ، ހަމަލާ ދިނީ މިވެނި އެވެނި މީހުންނޭ. ވަޅިޖެހީ ޝަހުމް އޭ މިވާހަކަތައް މިހެން ކިޔައިދިން ފުލުހުން އަޅުގަނޑުމެނަށް އިނގޭ، މިއަށް ވުރެ ބޮޑު އެވިޑެންސެއް ކޮބައި؟ އޭނާ މަރުވެގެން ދަމުން ފުލުހުން ގާތުގައި މި ބުނަނީ އެކަން ކުރި އެންމެންގެ ވާހަކަ. ވަޅި ޖެހި މީހާގެ ނަން،"

ބަކްސީއަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލާއި ފުލުހުން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އެގޮތުން ފަރުވާ ނުދީ ލަސްވުން ބެލިބެލުމުން މިހާތަނަށް އެނގުނު ގޮތުގައި 3:15 ގައި ގެންގޮސް 4:00 ޖަހަންދެން ބޭއްވީ އާއިލާއާ ނުގުޅިގެން ކަމަށް ބުނެ އެވެ.

"ސުވާލު ކުރީމަ މި ބުނަނީ ޕްރޮސިޖާ އޮންނަ ގޮތަކީ އެއީއޭ. އެކަމަކު ބަކްސީ އަމިއްލައަށް ގޮވާފައި ހަމަލާ ދިން މީހުންނާ، ކުރިކަންތަކާ، ހެދިގޮތް ކިޔައިދިންއިރު ކީއްވެގެންތޯ ސުވާލު ނުކުރީ ކޮން ނަމްބަރަކުންތޯ އާއިލާއާ ގުޅޭނީ؟ އަނެއްކޮޅުން ސީރިއަސްކަން ހުރި މިންވަރު އޮތީ ދިމާއަށް ފެންނަން. ހޮސްޕިޓަލުން އެބަބުނޭ އެހާ ބޮޑަށް ޒަހަމަކޮށްލައި އެވަރަށް ބްލީޑްވެފައިވާ މީހަކު މީން ދުވަހަކުވެސް ނުގެނެއޭ އެހެންވީމާ އެވަގުތު ބަލަންވީ ރިލޭޓިވްސްއަށް ހަބަރު ވެގެން އަންނަންދެންތޯ، ނޫނީ މީހާގެ ފުރާނަ ސަލާމަތްކުރުން ތޯ؟ އެވަރުގެ ސީރިއަސް ޕޭޝަންޓަކަށް ބައިގަޑިއިރު ވަންދެން ފަރުވާ ނުދެވި އެތެރެހައްޓަށް ލޭ ފޭދިގެން ދުނިޔޭ ދޫކޮށްދިޔައިމަ މިކަމުގައި އިހުމާލުވިއޭ ނުބުނެވޭނެތަ؟ ބަކްސީ ނިމިގެން ދިޔައީ ފުލުހުންގެ ވެސް އިހުމާލުން ހޮސްޕިޓަލުގެ ވެސް ކުށުން އަދި އޭގެ ކުރިއަށް ކްރިމިނަލް ކޯޓުގެ ވެސް ކުށަކުން،"

ބުދުވަހު ރައްޓެހި ބައެއް ކުދިން ގާތުގައި ބަކްސީ ބުނި ގޮތުގައި ޝަހުމްގެ ބިޓަކާ ބަކްސީ ދިޔައީ ވާހަކަ ދައްކަމުންނެވެ. އެދުވަހު ހެނދުނު ވާހަކަ ދެއްކި ކަމަށް ވެސް ބުނެ އެވެ. ބުނި ކަމަށް ވެއެވެ: "މި ކަމާ ގުޅިގެން މިރޭ ތިމަންނާ ގައިގައި ތަޅައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމަކެވެ،"

ބަކްސީ އަށް ދިން ހަމަލާގައި އޭނާ މަރުވުމުގެ ކުރިން "ޝަހުމުގެ ބިޓާ" ވާހަކަ ދައްކަމުންދާ ކަމަށް އައީ ބުނަމުންނެވެ. ނަމަވެސް ބަކްސީއާ އެ ކުއްޖާއާ ގުޅުނު ގޮތެއް މިހާތަނަށް އާއިލާއަކަށް ވެސް ހޯދިފައެއް ނުވެ އެވެ. ރައްޓެހިންނަކަށް ވެސް އޮޅުމެއް ނުފިލައެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ބަކްސީގެ ބިޓެއް ނުހުރޭ،" އޭނާ ދައްތަ ބުންޏެވެ. "އެކަމަކު އެބައިންގޭ ޝަހުމްގެ ބިޓާ ބަކްސީ ވާހަކަ ދައްކަމުން ދިޔަކަން އަދި އަޅުގަނޑުމެން ހޯދި ހޯދުމުން ވަރަށް ބޮޑެތި ޝައްކުތައް އެބައުޅޭ. ހަމަލާ ދިނުމަށް ޝަހުމް މެންނަށް ބަކްސީ ލޮކޭޓް ކޮށްދިނުމުގައި ޝަހުމްގެ ބިޓް ބައިވެރިވާ ކަމަށް ބެލެވޭ. ޝަހުމުގެ ތިބެދާނެ ބައިވަރު ބިޓުން ވެސް އޭގެ ތެރެއިން ބަކްސީ ވާހަކަ ދެއްކި ބިޓް މިކަމުގައި ބައިވެރިވާ ކަމުގެ ގަރީނާތައް އެބަހުރި،"

ބަކްސީގެ ގާތް ކުދިން ބުނާ ގޮތުންނަމަ މަރާމާރީއަކާ ގުޅުވައިގެން ބަކްސީ އަށް ހަމަލާދީ މަރާލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކުރިން އޮތް އެފަދަ ދުޝްމަންކަމެއް އެއްވެސް މީހަކާ، މިހަރަކު ނޯވެއެވެ. މިއީ ހަގީގަތް ކަމަށް ވަންޏާ އާއިލާއިން ބުނާ ގޮތަށް ކަން ހިނފައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އެރޭ ފަތިސްވާން ދިޔަ ގަޑީގައި އަލިކިލެގެފާނު މަގުގައި ހުންނަ މިސްތަކަށް އަރަން ދިޔަ އަންހަނަކާ ހަވާލާދީ އާއިލާ އިން ބުނަނީ މިސްކިތް ކައިރީގައި އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ވާހަކަ ދައްކަން ތިބި ކަމަށެވެ. އަދި ބަކްސީއަށް ހަމަލާދޭން މީހުންތައް އައި ވަގުތު އަންހެން އެ ކުއްޖާ ދުވެފައި ގޮސް ޕާކުތެރެއަށް ވަދެ ފިލާފައިވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ. މިވާހަކަ އަލިކިލެގެފާނު މަގުގެ ބައެއް އެހެން މީހުން ވެސް ކިޔައެވެ. މިއީ ދެވަނަ ވިސްނުމެއް ގެންގުޅެން ޖެހޭ ޕޮއިންޓެކެވެ. އޭގެ ކުރިޔަށް ޖެހިލާއިރު އެރޭ 1:30 ގައި ބަކްސީ ގެއިން ނުކުތީ އޭނާގެ ރައްޓެއްސަކަށް ގުޅައި ބަލައި އައުމަށް އެދިފަ އެވެ. ބަކްސީ ގުޅި ކުއްޖާ ސައިކަލްގައި އާއިރު ބަކްސީއަކާ ދިމައެއް ނުވި އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބަކްސީ ބަލައި ނުކުތް ކުއްޖާ ގްރޫޕަކާއެކު ކޮފީއެއް ބޯން ތިއްބާ ބަކްސީ ގަޔަށް ވަޅިޖެހިކަން އެނެގުނީ ފޯން ކޯލެއް މެދުވެރިކޮށެވެ.

"އެތަނުން އެކުދިން ގުޅީ އިރު ބަކްސީގެ ފޯނު އޮތީ ނިވާލާފައި. މިތަނުންވެސް ޝައްކު ކުރުމުގެ ފުރުސަތު އެބައޮތް ފޯނުގައި ހުރެ ނުކުމުގެން ދިއައީ، ޝަހުމްގެ ބިޓާ ވާހަކަ ދައްކަމުން ކަމަށް. އެކުއްޖާ ބުނާ ތަނަކަށް ދިޔައީކަމަށް. އަނެއްކާ އެ ދެމީހުން އެތާ މިސްކިތް ކައިރީ ތިބި. ހަމަލާ ދިން ވަގުތު ދުވެފައި ދިޔަ ކަމަށް ބުނޭ. ބަކްސީގެ ފްރެންޑުން އެބަބުނޭ ފަހަތުން ދުވެގެން ބަކްސީ އަތުނުވާނެ ކަމަށް. ވީމާ ލޮކޭޓް ކޮށްދިނީ ކަމަށް ބަލާނެ ޖާގަ އެބައޮތް، މިއީ ކޮންސްޕިރަސީއެއް، މިކަން ކަށަވަރު ވެސް ކުރެވޭނެ، އެއީ އެތާނގައި ހުންނަ ސީސީޓީވީ ކެމަރާއިން. އޭގޭ ފްޓޭޖް ހުންންނަން ޖެހޭނެ. އެކަމަކު އެއެއް ފުލުހުންނަނަކަށް ނުދެއްކޭ،" އޭނާ ބުންޏެވެ. "މި ސަބަބުތައް މިހެން ހުރީމަ އަޅުގަނޑުމެން މި ބުނަނީ މިކަމުގައި ޝައްކުތަކަކާ ސިއްރުތަކެއް އެބަވެއޭ،"