ޕްރެޒިޑެންޓް ކަޕްގެ ކުޅުދުއްފުށީ ގުރޫޕްގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ބީޖީ ސްޕޯޓް މިއަދު ބައްދަލު ކުރާ މެޗަށް ނުކުންނައިރު ހުރިހާ ކަމެއް އެއްކިބާ ކުރުމަށްފަހު ނިއުގެ އަމާޒަކީ މިއަދުގެ މެޗް ކާމިޔާބު ކުރުން އެ ޓީމްގެ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ) ބުނެފި އެވެ.

ސޮބާ ބުނީ ދަނޑުގެ ވިނަގަނޑު އެންމެ އެދެވޭ ހާލަތުގައި ނެތް ނަމަވެސް، ނިއުގެ ކުޅުންތެރިންނަކީ އެ ހާލަތުގައި ވެސް މީގެ ކުރިން ކުޅެފައިވާ ކުޅުންތެރިން ކަމަށާއި އެހެން ކަމުން ހުރިހާ ވިސްނުމެއް ހުރީ މިއަދުގެ މެޗަށް ކަމަށެވެ.

"ނިއުގެ ކުޅުންތެރިންނަކީ މިހާލަތައް ވެސް ފެތޭ ކުޅުންތެރިން އެއީ އޭއެފްސީ ކަޕްގައި ކުޅެންގޮސް ވެސް ބައެއް ގައުމުތަކުގެ ދަނޑުތައް އޮވެދާނެ ޗަކަސްވެފައި ވެސް. މެޗަކަށް ނުކުންނައިރު މިއީ އެސްކިއުޒަކަށް ވެގެން ނުވާނެ. ނިއު ވިސްނުމަކީ އެކަންކަން އެއްކިބާ ކުރުމަށްފަހު މިއަދު މެޗުން މޮޅުވުން،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ކުރިއަށްވުރެ ޓީމް ޓެކްޓިކަލީ ވަރުގަދަ ވާނެ ކަމަށާއި އެއީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ވޭތުވެދިޔަ މުއްދަތުގައި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާ ދެކޮޅަށް ކުޅުނު މެޗްތަކުން ރަނގަޅު ނަތީޖާއެއް ހޯދިފައިވާތީ ކަމަށެވެ.

އޭގެ ތެރެއިން ދެ މެޗެއްގައި ގައުމީ ޓީމް ކުޅުންތެރިން ނުލައި ކުޅުނުއިރު ވެސް ނިއުއިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

ސޮބާ ބުނީ ނިއުގެ ގައުމީ ޓީމްގެ ޑިފެންޑާ ޝަފިއު އަހްމަދު (ޝާފީ) ގެ އުކުޅުވަޅަށް ކޮންމެ ވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް ޝާފީ މެޗްގައި ކުޅޭނެ ކަމަށެވެ.

އިދިކޮޅަށް ނުކުންނަ ބީޖީއާ ބެހޭ ގޮތުން ސޮބާ ބުނީ ނިއުއަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށް ވިޔަސް ބީޖީ އާއި ދެކޮޅަށް ކުޅޭއިރު އެ ޓީމް އަންޑަ އެސްޓިމޭޓް ކުރެވެން ނެތް ކަމަށެވެ.

އެއީ ޕްރިމިއާ ލީގްގައި އެ ޓީމް ހޯދާފައިވާ ރަނގަޅު ނަތީޖާއިން ވެސް އެކަން ހާމަކޮށްދޭ ކަމަށެވެ.

ސޮބާ ވަނީ ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން އެ ޓީމަށް ލިބެމުންދާ ތަރުހީބު ފާހަގަކޮށްފަ އެވެ.

މުބާރާތުގައި އައްޑޫ ސިޓީގެ ގުރޫޕްގައި މިއަދު ވާދަކުރާނީ ވެލެންސިއާއާ މާޒިޔާއެވެ.