ޖަލުގައި ހުރި މީހަކު ދޫކޮށްލަން ގޮވާލާއިރު ހާލަތުގެ ސީރިއަސްކަމެއް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން އަށް އެނގިވަޑައިނުގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ދޫކޮށްލުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު، ހިއުމަން ރައިޓްސް ކައުންސިލްގެ 30 ވަނަ ބައްދަލުވުމުގައި އިއްޔެ ގޮވާލެއްވުމުންނެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ، ސިޔާސީގޮތުން މީހަކު ހުރި ހިސާބަކަށް ބަލާފައި އޭނާ ދޫކޮށްލަށް ގޮވާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެއީ ގާނޫނީ ބާރު ކަނޑުވާލުން ކަަމަށެވެ.

"ރާއްޖޭގެ ސިޔާސީ ހާލަތު ނުވަތަ އިންސާނީ ހައްގުތަކުގެ ހާލަތު އެއްމެ މީހަކާއި ދޭތެރޭ އަމަލުކުރާގޮތަކުން ކަނޑަނޭޅޭނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ މައުލޫމާތު ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އެވެ.