15 Sep 2015, 01:21
އަމީނިއްޔާ ސްކޫލުގެ މިދިއަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް އަޒްހާ މުޙައްމަދު ޔޫސުފް ހޮވިއްޖެ އެވެ.
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައިގައި މިރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އަޒްހާއަށް އިނާމު ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހުމާން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ޖަމީލާ ޢަލީ ޚާލިދެވެ.
ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނު އަޒްހާއަކީ މިދިޔަ އަހަރު އެ ސްކޫލުގެ ޕްރިފެކްޓެއްގެ މަގާމާއި އެ ސްކޫލުގެ ބޭންޑްގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ދަރިވަރެކެވެ. އަދި އޭނާ ވަނީ ސްކޫލުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ.

ސެޕްޓެންބަރު 14، 2015: އަމީނިއްޔާ ސުކޫލުގެ އަހަރީ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ/ ޔުސުފް ސޮފްވާން
އަމީނިއްޔާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުމުން އަޒްހާއަށް ލިބުނު އިނާމު ތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ ހާއްސަ އިނާމާއި އަމީނިއްޔާގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމިއްޔާއިން ހުށަހެޅި އިނާމު ހިމެނެ އެވެ.
ހަތްދިހައެއް އަހަރުވީ އަމީނިއްޔާ ސްކޫލަކީ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރަމުން އަންނަ ސްކޫލެކެވެ. އެގޮތުން ސާނަވީ އިމްތިހާނުތަކުގައި އެ ސްކޫލުގެ ދަރިވަރުން އަންނަނީ ރަން ވަނަ ތަކެއް ހާސިލުކުރަމުންނެވެ. މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުތަކުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ތެރޭގައި އެ ސްކޫލުގެ 67 ދަރިވަރުން ހިމެނެއެވެ.

ސެޕްޓެންބަރު 14، 2015: އަމީނިއްޔާ ސުކޫލުގެ އަހަރީ އިނާމު ދިނުމަށް މިރޭ ދަރުބާރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ/ ޔުސުފް ސޮފްވާން