15 Sep 2015, 09:46
ހިއުމަން ރައިޓްސް ލޯޔަރު އަދި އަންހެނުން އަމާލް ކްލޫނީއާއެކު ކައިވެންޏަށް އަހަރެއް ފުރުން ފާހަގަ ނުކުރެވޭނެ ކަމަށް ހޮލީވުޑްގެ ސުޕާސްޓާރު އަދި ޕްރޮޑިއުސަރު ޖޯޖް ކްލޫނީ ބުނެފި އެވެ.
އޭނާ ބުނި ގޮތުގައި މި މަހުގެ 27 ވަނަ ދުވަހު އެ ދެމަފިރިންގެ ކައިވެންޏަށް އެއް އަހަރު ފުރޭއިރު އެކަން ފާހަގަ ކުރެވެން ނެތީ، މިދިޔަ ޖުލައި މަހު މަރުވި "އޯޝަންސް އިލަވަން"ގެ ޕްރޮޑިއުސަރު ޖެރީ ވައިންޓްރައުބްގެ ހަނދާނީ ޖަލްސާގައި ވާހަކަދައްކަން ޖެހިފައި ވާތީ ކަމަށެވެ.
"އަހަރެން ޖެހޭ ޖެރީ ވައިންޓްރައުބްގެ ތައުބީނުގެ ޖަލްސާގައި ވާހަކަދައްކަން. މިއީ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށް އަހަންނަށް ބޮޑު ލަނޑެއް ދިނުމަށް ޖެރީ ކުރަން ނިންމާފައިވާ އޭނާގެ އެންމެ ފަހު ޕްރޮޑަކްޝަން. އަހަރެން އޭނާގެ ތައުބީނުގެ ޖަލްސާއަށް ދާންޖެހޭ،" މިދިޔަ ހުކުރު ދުވަހު ބޭއްވި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި އެންޓަޓައިންމަންޓް ޓުނައިޓްއަށް ޖޯޖް ބުނެފައިވެ އެވެ.
މީގެ އިތުރުން އޭނާ ވަނީ، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ އަމާލްއާ މެދު ކަންބޮޑުވާ ކަމަށް ވެސް ބުނެފައެވެ.
"އަމާލް ރާއްޖެއަށް ދިޔަތާ ދުވަސްތަކެއް ފަހުން ކޯ ކައުންސިލަރު (ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ މަހްފޫޒު ސައީދު) ގެ ބޮލަށް ވަނީ ވަޅިން ހަމަލާދީފަ. އެކަމާ ކުޑަކޮށް ހާސްވި. އެކަމަކު އަމާލް ކުރާ މަސައްކަތަކީ ރަނގަޅު ސަބަބަކަށް ކުރާ ރަނގަޅު ކަމެއް،" ޖޯޖް ކްލޫނީ ބުނެފައިވެ އެވެ.
މައުލޫމާތު: ހިންދުސްތާން ޓައިމްސް، އެންޓަޓައިންމަންޓް ޓުނައިޓް