15 Sep 2015, 09:45
ދުނިޔޭގައި މިހާތަނަށް އެޅުވި ދެ ވަނަ އަށް އެންމެ ކާމިޔާބު އެނިމޭޑެޓް ފިލްމުގެ ގޮތުގައި އޮތް، ޑިޒްނީގެ "ޓޯއީ ސްޓޯރީ 3" ވައްޓާލުމަށްފަހު، އިލުމިނޭޝަން އެންޓަޓައިންމަންޓާއި ޔުނިވާސަލްގެ ކޮމެޑީ ފިލްމު، "މިނިއަންސް" އެ މަގާމަށް ވެރިވެގަނެއްޖެ އެވެ.
ޗައިނާގައި މިދިޔަ އާދީއްތަ ދުވަހު އެޅުވި، "މިނިއަންސް" އަށް ދުނިޔޭގެ އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމުތަކުގެ ލިސްޓުން ދެ ވަނަ ލިބިފައި ވަނީ ޗައިނާގައި އެޅުވި ފުރަތަމަ ދުވަހު އެ ފިލްމަށް ލިބުނު 20.1 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާ އެކުގަ އެވެ.
މި ފައިދާއާއެކު "ޑިސްޕިކެބްލް މީ" ސިލްސިލާގެ އެންމެ ފަހުގެ އެ ފިލްމު ވެފައި ވަނީ، ޗައިނާގައި މިހާތަނަށް އެޅުވި އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމުގެ ރިކޯޑް ވެސް ހޯދާފަ އެވެ. އެ ރިކޯޑް ކުރިން އޮތީ "ކުންގް ފޫ ޕެންޑާ 2" ގެ އަތުގަ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ދުނިޔޭގެ 57 ސަރަހައްދެއްގައި ރިލީޒްކުރި "މިނިއަންސް" އަށް މިހާތަނަށް މުޅި ދުނިޔެއިން ލިބިފައި ވަނީ 1.08 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެކެވެ. އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ދެ ވަނާގައި މީގެ ކުރިން އޮތް "ޓޯއީ ސްޓޯރީ 3" އަށް ލިބިފައި ވަނީ 1.064 ބިލިއަން އެމެރިކާ ޑޮލަރެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމުގެ ގޮތުގައި އަދިވެސް އޮތީ ވޯލް ޑިޒްނީން 2013 ވަނަ އަހަރު ނެރުނު "ފްރޯޒެން" އެވެ. އެ ފިލްމަށް މިހާތަނަށް ވަނީ 1.27 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފަ އެވެ.
"މިނިއަންސް" ދެން އެންމެ އަވަހަށް އަޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ގްރީސްގަ އެވެ.