ކެންބެރާ، އޭޕީ) އޮސްޓްރޭލިއާގެ ވެރިކަން ކުރާ ލިބަރަލް ޕާޓީން އެގައުމުގެ ބޮޑުވަޒީރުކަމުގައި ޓޯނީ އެބޮޓް އެމަގާމުން ދުރުކޮށްފިއެވެ.

ޓޯނީ އެބޮޓް މަގާމުން ދުރުކޮށް އެމަގާމަށް ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމުގައި ހުންނެފި މެލްކޮމް ޓާންބުލް އިސްކުރުމަށް ފާސްކުރީ ޕާޓީގެ ލީޑަރަކު ހޮވުމަށް ވޯޓެއް ނެގުމަށް ޓާންބުލް ގޮވައިލެއްވުމުންނެވެ. އަދި އެވޯޓްގައި ޓާންބުލް އަށް 54 ވޯޓް ލިބިވަޑައިގެންނެވި އިރު އެބޮޓަށް ލިބިވަޑައިގެންނެވީ 44 ވޯޓެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އުމުރުން 60 އަހަރުގެ ޓާންބުލް އަކީ އެގައުމުގެ ޕާލަމެންޓްގައި މިވަގުތު ތިއްބެވި މެމްމަބަރުންގެ ތެރެއިން އެންމެ މުއްސަނދި އެއް މެމްބަރެވެ.

ކުރިން ނޫސްވެރިކަމުގައި އުޅުއްވުމަށް ފަހު އޭނާ ވެވަޑައިގެންނެވީ ގާނޫނީ ވަކީލަކަށެވެ. އަދި އެއަށް ފަހު އިންވެސްޓްމެންޓް ބޭންކެއް ހިންގަވައި އަދި ވެންޗާ ކެޕިޓަލިސްޓަކަށް ވެވަޑައިގެންނެވިއެވެ. އޭނާ އޮސްޓްރޭލިއާ ޕާލަމެންޓަށް ފުރަތަމަ އިންތިހާބު ވީ 2004 ވަނަ އަހަރުއެވެ.