ދައުލަތުގެ މުއައްސަސާތަކުން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައްޔާއި ދައުލަތުގެ މުއައްސަސާތަކަށް ދައުވާ ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ސުޕްރީމު ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕުރީމް ކޯޓުން މިރޭ ނެރުނު އާންމު ސިޓީއެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވާ ކަމަށެވެ.

އެހެން ކަމުން ދައުލަތުގެ މުއައްސަސާތަކުން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައްޔާއި ދައުލަތުގެ މުއައްސަސާތަކަށް ދައުވާ ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް އާންމު ސިޓީގައި ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ ހައްގު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށެވެ. އަދި މި ގާނޫނު އަސާސީގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރާނީ ބަންޑާރަ ނައިބު ނުވަތަ ބަންޑާނަ ނައިބު ކަނޑައަޅާ މީހެއްކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އެގޮތަށް އަމަލުކުރަން ފެށުމުން އެ ކޯޓުގެ 04/2011 ނަންބަރު އާންމު ސިޓީ އާއި ތުރާ ފިލުވުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ހަތަރު ވަނަ މާއްދާ ބާތިލް ވާނެ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.