2001 ވަނަ އަހަރުން ފެށިގެން ސީނިއަރ ޤައުމީ ޓީމުގެ ދިފާއުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އައި މުހައްމަދު ޖަމީލު މިފަހަރުގެ ޓީމުން ބާކީވެއްޖެ އެވެ.

މާދަމާ ފަށާ އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ފައިނަލު ޓީމު ނެގިއިރު ފުރުސަތު ގެއްލުނު އެންމެ މަޝްހޫރު ކުޅުންތެރިއަކީވެސް ޖަމްބޭ އެވެ. ވިކްޓަރީއަށް ކުޅުމަށްފަހު މިއަހަރު ނިއުއާ އަލުން ގުޅުނު ޖަމްބޭގެ އިތުރުން ބާކީވި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ 23 އަހަރުންދަށުގެ ޓީމުގެ ކެޕްޓަންކަން މީގެ ހަފްތާއެއްހާ ދުވަސްކުރިން ކުރި އަލީ ނާފިއު(ކަޅޭ) އެވެ. މީގެ އިތުރުން 27 ކުޅުންތެރިންގެ ސްކޮޑުން އުނިވި 5 ކުޅުންތެރިންނަކީ ވިކްޓަރީގެ ޝާފިއު އަޙްމަދު، މާޒިއާގެ ކީޕަރ އާތިފު އަޙްމަދު، ވީބީގެ ފަރުހާދު އިސްމާއީލާއި ހަސަން އަދުހަމްގެ އިތުރުން އޭވައިއެލްގެ ސަމްދޫހް މުހައްމަދެވެ.

20 ކުޅުންތެރިންގެ ސްކޮޑްގައި އެންމެ ގިނައިން ހިމެނެނީ ވީބީ އާއި މާޒިއާގެ ކުޅުންތެރިންނެވެ. ވީބީގެ 7 ކުޅުންތެރިން ހިމެނޭއިރު މާޒިއާއިން ހިމެނެނީ 6 ކުޅުންތެރިންނެވެ. ވިކްޓަރީގެ 5 ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ނިއުގެ ކުޅުންތެރިއަކާއި ވެލެންސިއާގެ ކުޅުންތެރިއެކެވެ.
ޖަމްބޭ ޓީމުން ބާކީވިއިރު ވެލެންސިއާގެ އައްސަދު އަބްދުލް ޤަނީ ޓީމުގައި ހިމެނުމަކީވެސް ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ.
ޖަމްބޭ އަކީ 2005 ވަނަ އަހަރު އޭ އެފް ސީކަޕްގެ ސެމީއަށް ނިއު ދަތުރު ކުރި އިރު އެޓީމުގެ ދިފާއު ބެލެހެއްޓުމުގެ އިތުރުން 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދިއިރުވެސް ދިފާއުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރި ކުޅުންތެރިއެކެވެ.

ރާއްޖޭގެ ޓީމު އިއްޔެ ވަނީ ކޮރަލް ހޮޓަލް އެންޑް ސްޕާރގައި ކޭމްޕްކޮށްފައެވެ.