14 Sep 2015, 21:26
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލުގައި ބީއެމްއެލް އިން ގާއިމްކޮށްފައިވާ އެ ބޭންކްގެ ބްރާންޗު ބޮޑުކޮށް ހިދުމަތްތައް ފުޅާާކޮށްފި އެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ ތަނުގައި ބެހެއްޓި ސެލްފް ސާވިސް ބޭންކިން ޔުނިޓް ފާހަގަކޮށްލެވެ އެވެ. އެގޮތުން އެތަނުގައި ޖުމްލަ ހަތަރު އޭޓީއެމް ބަހައްޓާފައި ހުރި އިރު ޗެކް ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އެތަނުން ލިބޭނެ އެވެ. އޭގެ އިތުރުން އެތަނުގައި ޑޮލަރު އޭޓީއެމެއް ބަހައްޓާފައި ހުރެ އެވެ. އޭގެ އިތުރުން ފޯމް ބަލައިގަތުން ފަދަ މަސައްކަތްތައް ކުރުމަށް ހަ ކައުންޓަރު ބަހައްޓާފައިވެ އެވެ.
އައިއެންއައިއޭގެ ޑިޕާޗާ އަދި އެރައިވަލް ޓާމިނަލްގައިވާ އެކްސްޗޭންޖު ކައުންޓަރުތައް ވެސް ބީއެމްއެލް އިން ވަނީ އިތުރަށް ތަރައްގީކޮށްފަ އެވެ. އެގޮތުން ފަސިންޖަރުންނަށް ފަސޭހަކަމާއެކު 24 ގަޑިއިރު ފައިސާ މާރުކުރުމުގެ ހިދުމަތް އެ ކައުންޓަރުތަކުން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އައިއެންއައިއޭގެ ޑޮމެސްޓިކް ޓާމިނަލުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ބްރާންޗު ހުޅުއްވައިދެއްްވީ އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ އެވެ. އެ ބްރާންޗް އިންވެސް ރާއްޖޭގައި ހުރި ބީއެމްއެލްގެ އެހެން ބްރާންޗް ތަކާ އެއްގޮތަށް އެ ތަންތަނުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.
އެގޮތުން ތަފާތު ކަންކަމަށް ފޯމް ބަލައިގަތުމާއި ފައިސާއާ ގުޅޭ އިތުރު ކަންކަން ހިމެނެ އެވެ. ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެ ބްރާންޗްގެ ސަބަބުން ބީއެމްއެލް އިން އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތައް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ޑޮލަރު އޭޓީއެމަކާއެކު ހަތަރު އޭޓީއެމް އައިއެންއައިއޭގެ ބީއެމްއެލް ބްރާންޗުގައި ވަނީ ބަހައްޓާފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ޢެގޮތުން ފަތުރުވެރިންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް ލުއި ފަސޭހަތައް ލިބޭނެ ކަމަށެވެ. މިރޭގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސް ވެރިން ވެސް ބައިވެރިވި އެވެ.