ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން ޕްރޮސެކިއުޓަރުން (ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާ ކުރާ ވަކީލުން)ނަށް ޖިސްމާނީ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަން ހަނދާން ކޮށްދޭ ކަމަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސް (އައިއޭޕީ) އިން މިއަދު ބުނެފިއެވެ.

ސްވިޒަލެންޑްގެ ޒިއުރިކްގައި މިހާރު ކުރިއަށްދާ އައިއޭޕީގެ 20 ވަނަ އަހަރީ ޖަލްސާއިން މިއަދު ފާސްކުރި ގަރާރުގައި ބުނެފައި ވަނީ މަރު ނުވަތަ ގެއްލުމެއް ލިބުމުގެ ބިރުވެރިކަމެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު ޕްރޮސެކިއުޓަރުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.

"... ޕްރޮސެކިއުޓަރުންނަށް ޖިސްމާނީ ނުރައްކަލެއް ކުރިމަތިވާ ހިނދު އެމީހުންނަށް ރައްކާތެރި ކަން ދިނުމަކީ ޕްރޮސެކިއުޓަރުންގެ ދައުރާ ބެހޭ ޔްނައިޓެޑް ނޭޝަންސްގެ ގައިޑްލައިންގެ ފަސް ވަނަ މާއްދާއިން ސަރުކާރުތަކަށް ލާޒިމު ކުރާ ކަމެއް ކަން ހަންދާން ކޮށްދޭން އައިއޭޕީ އިން ބޭނުންވެއެވެ،" ގަރާރުގައި ވެއެވެ.

މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޙަސަން ބަރަކާތު މަރައިލި ހާދިސާއާއި ޕްރޮސެކިއުޓަރުންނަށް ހަމަލާދޭ މައްސަލަތަކާއި މެދު އައިއޭޕީގެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އައިއޭޕީ އިން ބުނީ މިއަދު ފާސްކުރި ގަރާރަކީ އެޖަމިއްޔާގެ 20 ވަނަ އަހަރީ ޖަލްސާގައި ބައިވެރި ހުރިހާ މެމްބަރު ގައުމަކުން ސޮއިކޮށްފައިވާ ގަރާރެއް ކަމަށެވެ. ރާއްޖޭގެ ފަރާތުން އެ ގަރާރުގައި ސޮއިކުރެވީ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒް މުޙުސިނެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިއޭޕީގެ 20 ވަނަ އަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން ޕީޖީ މުހުތާޒް އަރިހުގައި ބައިވެރިވަޑައިގަންނަވަނީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ޖިހާދާ އަނީސްގެ އިތުރުން ޕީޖީ އޮފީހުގެ ލީގަލް އެފެއާޒް ޑިރެކްޓަރު މުހައްމަދު އިޔާސް އެވެ.