14 Sep 2015, 17:57
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިގީ)ގައި ބައިވެރިވެ ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދު ދިރާގުގެ ބުރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ދިރާގުގެ ފަރާތުން ސާއިދުއަށް ޖޯޒީ ހަވާލު ކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދެވެ.
ދިރާގު އެމްބެސެޓަރުކަމަށް ސާއިދު ހަމަޖެއްސުމުން ސާއިދު ވާހަކަ ދައްކަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ސާއިދު ބުނީ ދިރާގު އޭނާގެ އަގުވަޒަންކޮށްފައިވާ ކަމަށާއި މުސްތަގުބަލުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ދެމިހުންނާނެ ކަމަށެވެ.
ދިރާގުގެ މެނޭޖަރު މާކެޓިިން ކޮމިއުނިކޭޝަން އެންޑް ޕީއާރު މުޙައްމަދު މިރުޝަން ހަސަން ވިދާޅުވީ ދެ އަހަރު ދުވަހަށް ސާއިދު އާއި ދިރާގާއި ދެމެދު ވެވުނު އެއްބަސްވުމާއެކު ދިރާގުގެ އެކި ހަރަކާތްތަކުން ސާއިދު ފެނިގެންދާނެ ކަމަށެވެ.
ދިރާގު އެމްބެސެޓަރުކަމަށް ސާއިދު ހަމަޖެއްސުމުގެ ހަފްލާގައި މިރުޝާން ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
ދިރާގުގެ އެމްބެސެޑަރުންނަށް ހަމަޖައްސަނީ ގައުމަށް ރީތި ނަން ހޯދައިދޭ ސަހުސިއްޔަތުތަކެވެ. ދިރާގުގެ މަގުސަދަކީ އެފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް ދިރާގުގެ ފަރާތުން ހިތްވަރު ދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ބައިވެރިވި ކުޅިވަރުތަކުގެ ތެރެއިން އެތުލެޓިކްސްގައި 100 މީޓަރު ދުވުމުން ރަންމެޑަލް އަދި 200 މީޓަރު ދުވުމުން ރިހިމެޑަލް ސާއީދު ވަނީ ހޯދައިފަ އެވެ.