14 Sep 2015, 17:48
މިދިޔަ މަހު ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ މެދުތެރޭ ހިސާބުގަނޑެއްގައި ހުރި ފަތުރުވެރިންގެ މަގްބޫލު މަންޒިލެއް ކަމުގައިވާ އެރަވަން ޝްރައިން އަށްދިން ބާރުގަދަ ބޮމުގެ ހަމަލާއާ ގުޅިގެން މެލޭޝިއާއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މެލޭޝިޔާގެ ފުލުހުންންގެ އިންސްޕެކްޓާ ޖެނެރަލް ޚާލިދު އަބޫބަކުރު ވިދާޅުވީ އެ މައްސަލައިގައި އިތުރު ތަހުގީގުތަކެއް ކުރުމަށް ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން ދެމީހަކީ މެލޭޝިއާ ދެމީހުން ކަމަށެވެ. އަދި އެކަކަކީ ޕާކިސްތާނު މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާގެ ކަމާ ބެހޭ އިދާރާތަކުން އެ ތިން މީހުން ތައިލެންޑުގެ ފުލުހުންނާ ހަވާލު ކުރުމުގެ ޚިޔާލެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް ތައިލެންޑް ފުލުހުންނާ ގުޅިގެން ގާތުން އެއްބާރުލުން ދެމުންގެންދާ ކަމަށް ޚާލިދު ވިދާޅުވިއެވެ.
"ބޮމުގެ ހަމަލާގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކުރުމުން މިކަމުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް ހައްޔަރު ކުރެވުނު މީހުންގެ ސަބަބުން ތައިލެންޑްގެ ބޮމުގެ ހަމަލާގައި އެގައުމުގެ ފުލުހުންނަށް މައްސަލައިގެ ފުންމިނަށް އިތުރަށް ދިއުމަށް އެހީތެރެކަން ލިބިގެންދާނެ،" ޚާލިދު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ތައިލެންޑްގެ ފުލުހުން ބުނެފައިވަނީ ބޮމުގެ ހަމަލާގެ އެންމެ އަޑީގައި ހުރި މީހަކަށް ތުހުމުތު ކުރެވޭ މިހާކަމުގައިވާ އަބޫ ދުސްތަރު ޢަބްދުރަހްމާން ނުވަތަ މަޝްހޫރު ނަމުން ނަމަ އިޒާން ބަނގުލަދޭޝަގެ މަގުން ޗައިނާއަށް ގޮސްފައިވާ ކަމަށެވެ.
ތައިލެންޑް ފުލުހުން ވަނީ އިއްޔެ އިޒާންގެ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯއެއް އާންމުކޮށްފައެވެ. ތައިލެންޑްގެ ފުލުހުން ބުނެފައިވަނި އިޒާނަކީ ޗައިނާގެ ޔަހައިރު އެތަނިކް ގުރޫޕް މެންބަރެއް ކަމަށެވެ.
ނަމަވެސް ފުލުހުން ފަހުން ވަނީ އާންމު ކުރި ފޮޓޯއަކީ ރަނގަޅު މައުލޫމަތެއް ނޫންކަމަށާއި އޭނާއަކީ ބޮމުގެ ހަމަލާގެ އެންމެ އަޑީގައި ހުރި މީހާ ނޫންކަމަށް ބުނެފައެވެ.
މިދިޔަ ހަފުތާގައި އިޒާން ޗައިނައަށް ދިޔަކަމަށް ތައިލެންޑްގެ ފުލުހުން ބުނެފައިވާ މައްސލައާ ބެހޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކް ޕާސަން ހޯންގް ލީ ވިދާޅުވީ ބޮމުގެ ހާދިސާއާ ގުޅިގެން ވަކި ވަކި ކޭސްތަކުގެ ތަހްގީގު ކުރިއަށްދާ ގޮތް ޗައިނާއިން ބަލަމުންދާ ކަމަށެވެ. އަދި އެކަމުގައި ތައިލެންޑް ފުލުހުންނާ މުއާމަލާތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮންކަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އެ ހަމަލާގައި 14 ފަތުރުވެރިއަކާ އެކު ޖުމްލަ 20 މީހުން ވަނީ މަރުވެފައެވެ.