ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ދޫކޮށްލަން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން ގޮވާލައްވައިފި އެވެ.

އޭނާ އެކަމަށް ގޮވާލާފައި ވަނީ މިއަދު ބޭއްވި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 30 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ޖަަލަށް ބަދަލުކުރުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ސިޔާސީ ބޭނުނަމަށް ގާނޫނީ ހުކޫމަތަށް ދަނީ ރާއްޖޭގައި ނުފޫޒް ފޯރިވަމުން" ޒައިދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އާއިލާ އާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށް ވެސް ޒައިދު ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް އެފަދަ ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަކީ "ގޯސް ޝަރީއަތެއް ކަމަށް" އޭނާ ވަނީ ވިދާޅުވެފަ އެވެ.

ްިއިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާތައް އަލުން މުރާޖާ ކުރުމަށް ވެސް ޒައިދު ވަނީ ގޮވާލައްވާފަ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އެވެ.