14 Sep 2015, 16:12
މިދިޔަ ހުކުރުދުވަހު މަސްޖިދުލްހަރާމްގައި ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި އެތައް ބަޔަކު ނިޔާވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މަސްޖިދުލްހަރާމްގެ ތެރެއަށް ކެރޭނެއް ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލި، އިތުރު އެތައް ހައްޖާޖީންނަށް އަނިޔާވި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި، ރާއްޖޭގެ ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ވިދާޅުވެފައިވެއެވެ.
އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް އިޚްލާސްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.