ތެހެރާން : އީރާނުން ފަޒާއަށް ޖަނަވާރަކާއެކު ކެޕްސޫލެއް ފޮނުވައިފިއެވެ. ފަޒާގެ ދިރާސާތަކާބެހޭ އީރާނުގެ ޤައުމީ މަރުކަޒުން ބުނިގޮތުގައި ޖަނަވާރެއް ފަޒާއަށް ފޮނުވީ މިކަމަށް ޚާއްސަ ކެޕްސޫލަކަށް އެޖަނަވާރު ލުމަށްފަހު ފަޒާއަށް ސެޓަލައިޓް ފޮނުވުމަށް ބޭނުންކުރާ ރޮކެޓެއް ކަމަށްވާ ކަވްޝްކަރ -4 ގައެވެ.

މިއީ 2018 ވަނަ އަހަރު ޖައްވަށް އިންސާނަކު ފޮނުވުމަށް އީރާން ރާވާފައިވާ ވަރަށް އުންމީދީ މަޝްރޫޢެއްގެ ދަށުން ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އީރާނުން ޖައްވަށް ސެޓަލައިޓެއް ފުރަތަމަ ފޮނުވާފައިވަނީ 2009 ވަނަ އަހަރުގައެވެ. އެއަށްފަހު 2010 ވަނަ އަހަރު އީރާނުން އަމިއްލަ ރޮކެޓްގައި 2 ސެޓަލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވައި ފަޒާގެ އޯބިޓެއްގައި ބަހައްޓާފައިވެއެވެ.
އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ޖައްވަށް ސެޓަލައިޓެއް ފޮނުވުމުގައި ކާމިޔާބު ހޯދި ހަމައެކަނި އިސްލާމީ ޤައުމެވެ. އަދި އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ޤާބިލްކަން ލިބިފައިވާ މަދު ޤައުމުތަކުގެ ލިސްޓަށް އެންމެފަހުން އެރިޤައުމުވެސް މެއެވެ. (އަލްޖަޒީރާ+އަލްޢާލަމް)