18 Apr 2010, 15:12
19:00
ޕްރޮވިންސްތައް ހަދައިގެން ތަރައްޤީއަށް އެޅޭނެ ހުރަހެއް ނުވަތަ އިޤްތިސާދު ކުރިއެރުވުމަށް އޮތް ހުރަހެއް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފާހަގަކޮށްދެއްވައިފި ނަމަ މި ސަރުކާރުން ފަހަށް ޖެހެން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކ. މާފުށީގައި ޤާއިމްކޮށްފައިވާ އެމް.ޑަބްލިޔޫ.އެސް.ސީ.ގެ "ޕްރޮޑަކްޝަން ސެންޓަރ" އިއްޔެ އިފްތިތާޙު ކޮށްދެއްވުމަށްފަހު ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހަތް ޕްރޮވިންސަކަށް ބަހާލައިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތަކީ، ސިޔާސީ އެއްވެސް ބޭނުމެއް އެކަމުގައި އޮވެގެން ކުރާ މަސައްކަތެއް ނޫން ކަމުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހަތް ސަރަހައްދަކަށް ބަހާލައިގެން އެ ހަތް ޕްރޮވިންސް ހިންގަމުން ގެންދެވޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވެ. އަދި ޕްރޮވިންސްތައް ހަދައިގެން އިދާރީ ދާއިރާތައް ހިންގުމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންމެ ޤަބޫލްކުރާ އެންމެންނަށްމެ ވިސްނޭ ރަނގަޅު ހަމައަކަށް ދެވޭނެކަމުގެ ޔަޤީންކަން ރައީސް ނަޝީދު ދެއްވި އެވެ. އަދި އެކަން ހާސިލްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ކިލަނބުކޮށްލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ބޭނުންވާ ކިތަންމެ ކަމެއް ހުރިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަންކަން ކުރިއަށްގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑު މަގުފަހިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އޮނިގަނޑު މަގުފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ގޮންޖަހަމުންދިއުމަކީ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގައި ޒުވާބުކޮށް، ތަޅާފޮޅާ އަރާރުންވެގެން ކުރަން ބޭނުން އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުން އަބަދުވެސް ބަލަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.