ބައެއް މީހުންނަށް ސެލްފީ ނެގުމަކީ ފޫހިވާ ވަގުތު މަޖާކޮށްލުމަށް ކޮށްލާ ކަމެކެވެ. ބައެއް މީހުންނަށް އެކަން ކުރުމަކީ ފެޝަނެކެވެ. ނަމަވެސް ބާނޫ ޕްރަކާޝް އަށް އެކަމަކީ ވަރަށް ސީރިއަސް ކަމެކެވެ.

އިންޑިއާގެ ހައިދަރުއާބާދަށް އުފަން ބާނޫ، 24 ގެ އަމާޒަކީ ގަޑިއިރެއްގެ ތެރޭގައި އެންމެ ގިނަ ސެލްފީ ނެގުމުގެ ދުނިޔޭގެ ރިކޯޑް މުގުރާލުމެވެ. އެކަމަށް ހުސްވެހުރެ ސެލްފީ ނެގުމަށް ތަމްރީން ހޯދުމަށް، ހޮސްޕިޓަލެއްގެ ރިސާޗް އެސިސްޓަންޓެއްގެ މަގާމު އަދާކުރި ޕްރަކާޝް ވަނީ، މިދިޔަ މަހުގެ ތެރޭގައި ވަޒީފާ އިން ވެސް ވަކިވެފަ އެވެ.

ސެލްފީ ނެގުމުގެ ރިކޯޑެއް ގާއިމްކުރުމަށް ޕްރަކާޝް އަށް ހިތްވަރު ލިބުނީ، ތިން މިނެޓް ތެރޭގައި 105 ސެލްފީ ނަގައިގެން ރިކޯޑެއް ހެދި ޑުވޭން ޖޯންސަން ނުވަތަ "ދަ ރޮކް" ގެ ވާހަކައިންނެވެ.

"މީހުން ބުނާނެ ސެލްފީ ނެގުމަކީ ވަރަށް އަންހެން ކަމެކޭ. އެކަމަކު ޑުވޭން ޖޯންސަން ވެސް އެކަން ކުރީ. ސެލްފީ ނެގުމަކީ ހަމައެކަނި އަންހެން ކުދިން ކުރާ ކަމެއް ނޫން. ފިރިހެނުން ވެސް ސެލްފީ ނަގާ،" ޓައިމްސް އޮފް އިންޑިއާއަށް ޕްރަކާޝް ބުނެފައިވެ އެވެ.

ގަޑިއިރެއްގެ ތެރޭގައި އެންމެ ގިނަ ސެލްފީ ނަގައިގެން ދުނިޔޭގެ ސެލްފީ ރިކޯޑް މިހާރު އޮތީ، އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޕެޓްރިކް ޕީޓާސަންގެ އަތުގައެވެ. އޭނާ ވަނީ ގަޑިއިރެއްގެ ތެރޭގައި 1449 ސެލްފީ ނަގާފައެވެ.

އެކަމަކާ ޕްރަކާޝް ޖެހުލުމެއް ނުވެއެވެ. އޭނާ ބުނާ ގޮތުން މިހާރު ވެސް އޭނާއަށް ގަޑިއިރެއްގެ ތެރޭގައި 1700 ސެލްފީސް ނެގެ އެވެ. ނަމަވެސް އޭނާގެ އަމާޒަކީ އެ އަަދަދު 1800 އެރުވުމެވެ.

އާއިލާގެ އެއްބާރުލުމާއެކު ސެލްފީ ނެގުމުން ދުނިޔޭގެ ރިކޯޑް ހެދުމަށް ޕްރަކާޝް ދަނީ އަދާ އަތުގެ ހުޅުތަކުގެ ކަސްރަތުތަކެއް ވެސް ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ގިނަ ސެލްފީ ނެގުމުގެ ރިކޯޑް ހެދުމަށް ޕްރަކާޝް ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ހައިދަރްއާބާދުގެ ސިޓީ މޯލް ތެރޭގަ އެވެ.

މައުލޫމާތު: ރަޝިއާ ޓުޑޭ