މިދިޔަ ހުކުރު ދުވަހު އެއާ އިންޑިއާ ފުލައިޓަކުން ރާއްޖެއައި ދިވެހި ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އޭނާ އަތުން އަތުލައިގެންފައި ވަނީ ޑައެޓަރީ ސަޕްލިމެންޓް ފުޅިއެއްގެ ތެރޭގައި ރައްކާކޮށްގެން އެތެރެކުރަން މަސައްކަތްކުރި ހަޝިޝް އޮއިލް ޕެކެޓެއް ކަމަށާއި އޭގެ ބަރުދަނުގައި 507 ގުރާމް ހުރިކަމަށެވެ.

އެތަކެއްޗާ ގުޅޭ ގޮތުން އެ އެތެރެކުރި މީހާއާ ސުވާލު ކުރުމުން އެތަކެއްޗަކީ މީހަކު މީހަކާ ހަވާލުކުރަން ދީފައިވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އޭނާ އަތުން ފެނުނު މަސްތުވާތަކެއްޗާއި އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

ބޭސްފަރުވާ އަށް ނުވަތަ އެނޫން ވެސް ބޭނުންތަކުގައި ރާއްޖެ އިން ބޭރަށް ގޮއްސަ އެނބުރި އަންނަ އިރު މީހުން ހަވާލުކުރާ އެއްޗެތި ރަނގަޅަށް ބަލައި ފާސްކުރުމަށް ފަހު ނޫނީ ހަވާލު ނުވުމަށް ކަސްޓަމްސް އިން އިލްތިމާސްކުރެ އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "މިހާރަކަށް އައިސް ރާއްޖެ އިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން އެނބުރި ރާއްޖެއަށް ވަޑައިގަންނަވާއިރު، އިލެކްޓްރޯނިކް ބާވަތްތަކާއި ބޭސް، ދަޅުކާނާ އަދި ފެކްޓްރީ ސީލްގައި ހުންނަ އެކިއެކި އާލާތްތަކުގެ އެތެރޭގައި ބަނދުކޮށްގެން، ރާއްޖެ އަށް އެތެރެކުރުން މަނާތަކެތި އެތެރެކުރުމަށް މަސައްކަތްކުރާ ކަމަށް" ކަސްޓަމްސް އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މީހަކު ހަވާލުކުރާ އެއްޗެއް ރަނގަޅަށް ބަލައި ފާސްކުރުމަށް ފަހު މެނުވީ ހަވާލުނުވުމަށް އިލްތިމާސް ކުރާ ކަމަށާއި ނޫނީ އެއީ "ގާނޫނީ ގޮތުން ޒިންމާ އުފުލަން ޖެހޭނެ ކަމެއްކަމަށް" ވެދާނެ ކަމަށެވެ.