14 Sep 2015, 15:42
ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ރަސީދު ހޯދުމުގެ އާދަ އާންމުންގެ ކިބައިގައި އަށަގެންނެވުމާއި ވިޔަފާރިވެރިން ރަސީދު ދޫކުރުމަށް ބާރުއެޅުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށާފައިވާ "ކޮބާ ރަސީދު؟" ކެމްޕޭންގެ އޮގަސްޓަމަހުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ކޮބާ ރަސީދު ކެމްޕޭންގެ އޮގަސްޓް މަހުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ކ. ތުލުސްދޫ، ޒަމާނީ ވިލާ، އަހުމަދު އަހްލާމު އެވެ. އިނާމެއްގެ ގޮތުގައި އޭނާއަށް ލިބުނީ 3000 ރުފިޔާ އެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ މީރާގެ ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު އެވެ.
"ކޮބާ ރަސީދު" ކެމްޕޭނުގައި ބައިވެރިވުމަށް ވިޔަފާރިކޮށްގެން ލިބޭ ރަސީދުކޮޅުގައި ބައިވެރިވާ ފަރާތުގެ ނަންބަރު ޖެހުމަށް ފަހު ފޮޓޯއެއް ނަގައި އެ ފޮޓޯ މީރާގެ ވައިބާ ނަންބަރު 9551415 އަށް ނުވަތަ[email protected]އަށް ފޮނުވުމުން ބައިވެރި ވެވޭނެ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްއޭޝަން ޒަޔީދު މުހައްމަދު ވިދާޅުވީ ކޮންމެ ކަމަކީ ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެގޮތުން މި ކެމްޕޭނުގެ ބޭނުމަކީ ވެސް ވިޔަފާރި ރަސީދު ހޯދައި އެ ދިނުމުގެ އާދަ ވިޔަފާރިވެރިންނާއި އާންމުންގެ ކިބައިގައި އަށަގެންނެވުން ކަމަށް ޔަޒީދު ވިދާޅުވިއެވެ.
މިއަހަރު ނިމެންދެން ކުރިއަށްގެންދާ އެ ކެމްޕޭނުގެ ދަށުން ކޮންމެ މަހަކު ނަސީބުވެރި ފަރާތެއް ހޮވާނެ އެވެ. އެ ފަރާތަކަށް ލިބޭނީ 3000 ރުފިޔާ އެވެ. ކެމްޕޭން ކުރިއަށްދާ މުއްދަތުގައި އެންމެ ގިނަ ރަސީދުގެ ފޮޓޯ ފޮނުވާ ފަރާތަކަށް 20،000 ރުފިޔާ ލިބޭނެ އެވެ.