14 Sep 2015, 14:28
އަންނަ މަހު 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަ ކުރުމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ ޗެއާމަން މުހައްމަދު ޝަވީދު ނިންމަވައިފިއެވެ.
އެކަން އިއުލާންކުރައްވާ ސޯޝަލް މީޑިއާގައި ޝަވީދު އާންމު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރަނީ ރާއްޖޭގެ ފުޓްބޯޅަ ކުލަބުތަކުގެ އިހްތިރާމާއި އެއްބާރުލުމާއެކު ކަމަށެވެ.
I have decided to contest in the upcoming FAM election with lots of respect and support from the football clubs in this...
Posted byMohamed ShaweedonMonday, September 14, 2015
އެފްއޭއެމްއިން ބުނީ ޝަވީދުގެ ކެނޑިޑެސީ ފޯމް އެފްއޭއެމަށް މިއަދު ލިބިފައިވާ ކަމަށެވެ.
އެފްއޭއެމްގެ އާ އިންތިޚާބުގައި އެގްޒެކެޓިވް ކޮމިޓީއަށް ނުވަ މެންބަރަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު އަނެއް އަށް މަގާމަށް ނަން ހުށަހަޅާނީ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާ ފަރާތަކުން އޭނާ ޓީމްގެ ގޮތުގައެވެ.
ސަންއާ ވާހަކަ ދެއްކެވި ޝަވީދުގެ ވަރަށް ގާތް މީހަކު ބުނީ ޝަވީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި އޭނާ ވަޑައިގެން އޭނާގެ ޓީމް އިއުލާން ކުރާނެ ކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބުގައި މުޅި ރާއްޖެއިން 44 ކުލަބަށް ވޯޓް ދިނުމުގެ ހައްގު ވަނީ ލިބިދީފައެވެ.
އެފްއޭއެމްގެ އިންތިޚާބުގައި ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ މިއަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިންނެވެ.